ސިޔާސީ

ރައީސް ޔާމީންގެ ލީޑަޝިޕާއެކު ޕީޕީއެމް ވަރުގަދަ ކުރުމަށްދަނީ މަޝްވަރާ ކުރަމުން: އަދުރޭ

ފަތޯނާ ފާއިޒު

އިދިކޮޅު މައި ޕާޓީގެ ގޮތުގައި މިވަގުތު އޮތް، ޕީޕީއެމް ވަރުގަދަ ކުރުމުގެ މަޝްވަރާތައް ކުރަމުން އަންނަ ކަމަށް އެޕާޓީއާއެކު ކޯލލިޝަން ހަދާފައިވާ ޕީޕަލްސް ނޭޝަނަލް ކޮންގުރެސް (ޕީއެންސީ)ގެ ރައީސް އަބްދުލް ރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

އަދުރޭ މިހެން ވިދާޅުވީ، ޕީޕީއެމްގެ ރައީސް، ރައީސް އަބްދުﷲ ޔާމީންގެ އަރިހުގައި ތިއްބެވި އެޕާޓީގެ އިސް ބޭފުޅުންތަކެއް ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީ (ޖޭޕީ)އާ ގުޅިވަޑައިގަތުމުން، އިދިކޮޅު ކޯލިޝަން ބަލިކަށި ވެގެންދާނެތޯ "ވަން" އިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

އަދުރޭ ވިދާޅުވީ، އިދިކޮޅު ކޯލިޝަން ބަލިކަށި ވެގެންދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އޭގެ ބަދަލުގައި ޕީޕީއެމް ވަރުގަދަ ކުރުމުގެ މަޝްވަރާތަކެއް ފަސާފައިވާކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ، އެ މަޝްވަރާތަކާއެކު ޕާޓީގެ ލީޑާޝިޕަށް ބަދަލުތަކެއް އައުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. ނަމަވެސް ޕީޕީއެމްގެ ލީޑާޝިޕްގައި ހުންނަވާނީ ރައީސް ޔާމީން ކަމަށް ވިދާޅުވިއެވެ.

"އަލަކަށް ނޫން ދެއްތޯ ބަޔަކު ޕާޓީ ބަދަލު މިކުރީ. އެއީ ސިޔާސީ މަސްރަހުގައި އަބަދުވެސް ހިނގާ ކަންކަން. ކުރީގެ ރައީސް މައުމޫން ޕީޕީއެމް އުފެއްދެވީ. އެމަނިކުފާނެއް ނެތެއް ނޫންތޯ މިހާރު" އަދުރޭ ވިދާޅުވިއެެވެ.

އޭނާ އިތުރަށް ވިދާޅުވީ، އަރިހުގައި މަސައްކަތްކުރެއްވި އަދި ޕީޕީއެމްގައި އިސްކޮށް ހަރަކާތްތެރިވި ބައެއް ބޭބޭފުޅުން ޕާޓީ ދޫކުރައްވާ ވަޑައިގަތުމަކީ ހިތްދަތިކަން ލިބޭ ކަމެއް ކަމަށެވެ. ނަމަވެސް އެބޭފުޅުން ދިޔަ ނަމަވެސް ޕީޕީއެމް ދާނީ ކުރިއަށް ކަމަށާއި އޭނާވެސް ހުންނަވާނީ ރައީސް ޔާމީންގެ އަރިހުގައި ކަމަށެވެ.

އާދިއްތަ ދުވަހުގެ ރޭ މ. ކުނޫޒުގައި ބޭއްވި ރަސްމިއްޔާތެއްގައި ޖުމްހޫރީ ޕާޓީއަށް ސޮއި ކުރެއްވި ބޭފުޅުންގެ ތެރޭގައި ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ކުރީގެ ލީޑަރު އަހްމަދު ނިހާނާއި އެޕާޓީގެ ޕީޖީ ގްރޫޕްގެ ކުރީގެ މެމްބަރު އިބްރާހީމް ފަލާހުގެ އިތުރުން ޕީޕީއެމްގެ ތަރުޖަމާނު އަލީ އާރިފް އާއި ޕީޕީއެމްގެ ކުރީގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އިގްބާލް އާދަމްގެ އިތުރުން ކުރީގެ ހޯމް މިނިސްޓަރު އަޒްލީން އަހްމަދާއި، ކުރީގެ ނައިބު ރައީސް އަދި ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު ހިމެނެއެވެ.