ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް، އިސްލާމިކް މިނިސްޓްރީއަށް އިތުރު ނައިބަކު އައްޔަން ކުރައްވައިފިއެވެ.
ރަައީސް އެމަގާމަށް އައްޔަން ކުރައްވާފައިވަނީ ގދ. ތިނަދޫ، ކަލްމުނާ، ހުސެއިން ޝަރީފެވެ. އޭނާއަކީ ބެޗެލާސް އޮފް ޝަރީއާ އެންޑް ލޯ، އޮނާސް އާއެކު ހާސިލު ކުރައްވާފައިވާ ބޭފުޅެކެވެ. އަދި ވޭތުވެދިޔަ 20 ވަރަކަށް އަހަރު އަމިއްލަ ވިޔަފާރި ކުންފުނިތަކުގައި މެނޭޖަރު ފެންވަރުގެ މަގާމުތައް ހުސެއިން ޝަރީފް ވަނީ އަދާކުރައްވައިފައެވެ.
އިސްލާމިކް މިނިސްޓްރީގެ ނައިބުގެ މަގާމަށް މިއަދު އިތުރު ބޭފުޅަކު އައްޔަން ކުރެެއްވުމާއެކު، އެ މިނިސްޓްރީގައި މިވަގުތު ފަސް ނައިބް މިނިސްޓަރުން ތިއްބަވާނެއެވެ. އަދި މިއަދު އިތުރުވި މަގާމާއެކު ސަރުކާރުގެ ޑެޕިއުޓީ ފެންވަރުގައި ތިއްބެވި ބޭފުޅުންގެ އަދަދު 69 އަށް އަރާނެއެވެ.
ސަރުކާރުގެ ޑެޕިއުޓީ ލެވެލްގެ ބޭފުޅުންނަށް މަހު މުސާރައިގެ ގޮތުގައި މަހަކު 30،000 ރުފިޔާ ލިބެއެވެ.