ވަޒީފާއަށް ޒުވާނުން ޝައުގުވެރި ކުރެވޭނެ ގޮތްތަކާއި ތަފާތު ހުނަރުތައް ކުރިއެރުވޭނެ ގޮތްތައް ދެނެގަތުމަށް 20 މިލިއަން ޑޮލަރުގެ ބޮޑު ޕްރޮޖެކްޓެއް ފަށައިފިއެވެ.
ހަޔާ އެޑިއުކޭޝަން މިނިސްޓްރީ އާއި އިކޮނޮމިކް މިނިސްޓްރީ ގުޅިގެން ހިންގާ އެ ޕްރޮޖެކްޓަށް ވޯލްޑް ބޭންކުން ހިލޭ އެހީގެ ގޮތުގައި 10 މިލިއަން ޑޮލަރު ދީފައިވާއިރު، ބާކީ 10 މިލިއަން ޑޮލަރު ދީފައިވަނީ ލޯނުގެ ގޮތުގައެވެ.
މި ޕްރޮޖެކްޓުގެ ދަށުން ޔޫތު ހަބް ގާއިމް ކުރުމާއި އަދި ވިޔަފާރި ފެށުމަށް ފައިސާގެ އެހީ ދިނުމުގެ އިތުރުން ރާއްޖޭގައި މި ވަގުތު ފާހަގަކުރެވޭ ހުނަރު ތަރައްގީ ކުރުމާއި ވަޒީފާގެ މައިދާނަށް ވޮކޭޝަނަލް އެޑިއުކޭޝަންގެ ދާއިރާއިން ބޭނުންވާ އިންސާނީ ވަސީލަތްތައް ވެސް ތަރައްގީ ކުރުމަށް ހަމަޖެހިފައިވެއެވެ.
އޭގެ ތެރެއިން ގައުމަށް އެންމެ ބޭނުންވާ ހުނަރުތަކަކީ ކޮބައިތޯ ބެލުމަށް ލޭބަ މާކެޓް އެސެސްމަންޓެއް ހަދައި، އެއިން ލިބޭ ހޯދުންތަކުގެ އަލީގައި ހުނަރު ތަރައްގީކުރުމުގެ ކޯސްތައް އަލުން ރިވައިސްކޮށް ވޮކޭޝަނަލް އެޑިއުކޭޝަން ނިންމާ ހުރިހާ ދަރިވަރުންނަށް އޮންޓަޕްރެނާސް މޮޑިއުލް ހެދޭނެ ގޮތަކަށް ކޯސްތައް ބައްޓަން ކޮށްގެން ކުރިއަށް ގެންދިއުމަށް ވަނީ ރާވައިފައެވެ.
އެ ޕްރޮޖެކްޓް ލޯންޗުކުރުމަށް މިއަދު ހޮޓަލް ޖެންގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ވާހަަކަދައްކަވަމުން ހަޔާ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިބްރާހީމް ހަސަން ވިދާޅުވީ، ޒުވާނުންނަކީ ޒިންމާދާރު މުރާލި އަދި މަސްއޫލިއްޔަތު ނަގަން ކެރޭ ބަޔަކަށް ހެދުމަށް މި ސަރުކާރުން ކެނޑިނޭޅި މަސައްކަތްކުރަމުން އަންނަ ކަމަށެވެ.
އެގޮތުން މިއަދު ފަށާ ޕްރޮޖެކްޓް ކާމިޔާބުކޮށް ނިންމާލާނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުނަރުވެރި މަސައްކަތްތެރިން ބިނާކުރެވޭނެ ވަސީލަތްތައް ގާއިމްކޮށްދިނުމަށްފަހު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އަދި ވިދާޅުވީ، ޒުވާނުންގެ ޕްރޮޖެކްޓުގެ އެންމެ މުހިއްމު ކަމަކަށްވާނީ އަދުގެ ހާލަތަށް ބަލައި 21 ވަނަ ގަރުނަށް ފެތޭ ސްކިލްސް ސްޓްރެޓަޖީއެއް ހެދުން ކަމަށެވެ. އެގޮތުން ސްކިލްސް ސްޓްރެޓަޖީ ތައްޔާރުކުރުމަށް ބޭނުންވާ ތަފާސް ހިސާބު އެއްކުރުމާއި ހިއުމަން ރިސޯސް މިސްރާބު ބަހައްޓަންވީ ގޮތާ ގުޅޭގޮތުން މިހާރު މަޝްވަރާކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ.