އެމްއެމްއޭ

ގަވަރުނަރު ކަމަށް އަލީ ހާޝިމް އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފި

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރު ކަމަށް އަލީ ހާޝިމް އައްޔަން ކުރަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު، ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ތަރުޖަމާނު، އިބްރާހީމް ހޫދު ދާދި ދެންމެ ކުރެއްވި ޓުވީޓެއްގައި ވަނީ މިކަން އާންމުކުރައްވައިފަ އެވެ.

އަލީ ހާޝިމް އަކީ ރައީސް ނަޝީދުގެ ވެރިކަމުގައި، 2008 އިން 2010 އަށް ފިނޭންސް މިނިސްޓަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ.

އެމްއެމްއޭގެ ގަވަރުނަރުގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި، އަހުމަދު ނަސީރު މިދިޔަ މަހުގެ 24 ވަނަ ދުވަހު އިސްތިއުފާދެއްވުމާ ގުޅިގެންނެވެ.

ގަވަރުނަރުކަމުގެ މަގާމުން އިސްތިއުފާދެއްވުމަށް ފަހު، ހަމަ އެދުވަހު އާންމުކުރެއްވި ބަޔާނެއްގައި ނަސީރު ވިދާޅުވީ، އޭނާ މަގާމުން އިސްތިއުފާ ދީފައިވަނީ އޭނާގެ މައްޗަށް ކޮށްފައިވާ ދޮގު ތުހުމަތުތަކާއެކު އެމްއެމްއޭއިން ވޭތުވެދިޔަ އަހަރު ހޯދާފައިވާ ކުރިއެރުންތައް ގެއްލިދިއުމަށް ނޭދޭތީކަމަށެވެ. އަދި އެފަދަ ފުރުސަތެއް އެއްވެސް މީހަކަށް ދޭކަށް ބޭނުމެއް ނޫންކަމަށް ނަސީރު ވިދާޅުވިއެވެ. ނަސީރު ވިދާޅުވީ އޭނާގެ މައްޗަށް ކޮށްފައިވާ ތުހުމަތުތަކުގެ ސަބަބުން އެމްއެމްއޭގެ ގަވަރުނަރުގެ މަގާމުގެ ހައިބަތަށާއި ގަދަރަށް އަދި އެމްއެމްޢޭއަށް އުނިކަމެއް ލިބުމަށް ނޭދޭކަމަށެވެ. އަދި މިކަމުގައި ބޮޑަށް ރަނގަޅު ގޮތަކީ މަގާމުން އިސްތިއުފާ ދިނުމަށްފަހު ކޮށްފައިވާ ތުހުމަތުތަކަށް ޖަވާބުދާރީވުން ކަމަށް ދެކޭކަމަށް ނަސީރު ވިދާޅުވެފައިވެ އެވެ.

ނަސީރުގެ މައްޗަށް ކުރި ތުހުމަތުތަކަކީ، އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅިގެން ކުރި ތުހުމަތުތަކެކެވެ. އެ މައްސަލައިގައި އޭނާ ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީތަކަށް ހާޒިރުކޮށް ސުވާލުވެސް ކޮށްފައިވެއެވެ.