ގދ. ތިނަދޫ

ތިނަދޫ ކައުންސިލްގެ ރައީސް މަގާމުން ވަކި ކުރަން ހުށަހަޅަން ނިންމައިފި

ފަތޯނާ ފާއިޒު

ގދ. ތިނަދޫ ކައުންސިލްގެ ރައީސް އިބްރާހީމް އައްސަދު މަގާމުން ވަކިކުރަން ލޯކަލް ގަވަމެންޓް އޮތޯރިޓީއަށް ހުށައަޅަން އެ ރަށު ކައުންސިލުގެ އިއްތިފާގުން ނިންމައިފިއެވެ.

ތިނަދޫ ކައުންސިލްގެ ރައީސްގެ އިތުބާރު ނެތް ކަމުގެ ވޯޓު ނަގާފައި ވަނީ މިއަދު އޮތް ކައުންސިލްގެ ބައްދަލުވުމުގައެވެ. އެ ބައްދަލުވުމުގައި ހަތަރު މެންބަރުން ވަނީ ކައުންސިލްގެ ރައީސްގެ އިތުބާރު ނެތް ކަމަށް ވޯޓު ދެއްވައިފައެވެ.

"ވަން"އަށް މައުލޫމާތު ދެއްވަމުން ތިނަދޫ ކައުންސިލްގެ މެންބަރު މުހައްމަދު އަމްޖަދު ވިދާޅުވީ، ކައުންސިލް ރައީސްގެ ފަރާތުން، ހިންގުމުގެ ރޫހާ ހިލާފު ކަންކަން ފެންނަމުންދާތާ ގިނަ ދުވަސްތަކެއް ވެފައިވާ ކަމަށެވެ. އަދި އެކަމަށް ޖަވާބުދާރީވުމަށް 30 ދުވަހަށް ވުރެ ގިނަ ދުވަހުގެ މުހުލަތެއް ދީފައިވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"ކައުންސިލު ހިންގުމުގައި އެހެން މެންބަރުންނާ މަޝްވަރާ ނުކުރުމާއި، ކައުންސިލް މެންބަރުންނަށް އެކި ކަހަލަ ތުހުމަތު ކުރުން ކަހަލަ މައްސަލަތައް ފާހަގަވި" އަމްޖަދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މީހެއްގެ ގޮތް އެނގޭނީ އެއް އޮޑިއެއްގައި ދަތުރު ކުރުމުން ކަމަށާއި، ކައުންސިލްގެ ރައީސްގެ ފަރާތުން ފެނުނު މައްސަލަތައް އިސްލާހު ކުރަން އެދުމުން، އެކަންކަން އިސްލާހު ކޮށްފައި ނުވާ ކަމަށެވެ.

ތިނަދޫ ކައުންސިލްގެ ރައީސް އައްސަދު އެރަށު ކައުންސިލަށް ދެފަހަރު ހޮވާފައިވެއެވެ. ތިނަދޫ ކައުންސިލަކީ އެމްޑީޕީގެ ފުލް މެޖޯރިޓީ އޮންނަ ކައުންސިލެކެވެ.