އިބްރާހިމް ޒަކީ
ޖުޑިޝަރީ އިސްލާހު ކުރުމަށް އެންމެ ވަރުގަދަ މަސައްކަތްތަކެއް ކުރެއްވީ، ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމު ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ، މަގާމުން ވަކި ކުރަން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހަޅައިގެން ކުރިއަށް ގެންދިޔަ ބަހުސްގައި، އެ ކަމަކީ ރާއްޖޭގެ ޖުޑިޝަރީ އިސްލާހު ކުރުމަށް މުހިއްމުކަމެއް ކަމަށާއި އެއީ ޖުޑިޝަރީ އިސްލާހު ކުުރުގެ ފެށުންކަމަށް ވިދާޅުވެ ސަރުކާރަށް ނިސްބަތްވާ މެންބަރުން ދެއްކެވި ވާހަކަތަކަށް އިޝާރާތް ކުރައްވައި، ރައީސް ޔާމީންގެ ސަރުކާރުގައި ޑިފެންސް މިނިސްޓަރުކަން އަދާ ކުރެއްވި އާދަމް ޝަރީފް ވިދާޅުވީ، ޖުޑިޝަރީ ރަނގަޅު ކޮށް، ޝަރުއީ ދާއިރާ ރަނގަޅުކުމަކީ ރައްޔިތުން ބޭނުންވާ ކަމެއް، ކަމަށެވެ.
އެހެންކަމުން ޖުޑިޝަރީ ރަނގަޅު ކުރުމުގެ މަސައްކަތް އެންމެ ވަރުގަދަޔަށް، އެންމެ ސާބިތުކަމާއެކު ފެއްޓެވި ބޭފުޅެއްގެ ގޮތުގައި ފެންނަން އޮތީ ރައީސް ޔާމީންގެ ނަންފުޅު ކަމަށް އޭނާ ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ، އެހެން ވިދާޅުވާން ޖެހިވަޑައިގަންނަވަނީ، ޖުޑިޝަރީގައި ހިނގާދިޔަ ތަފާތު ކަންތައްތަކާ އެކުގައި ވެސް ސުޕްރީމް ކޯޓަށް އެންމެ ރަނގަޅު ބަދަލެއް ގެންނެވުމަށްޓަކައި އެންމެ ސާބިތުކަމާއެކު ފިޔަވަޅު އެޅުއްވި ބޭފުޅަކީ ރައީސް ޔާމީން ކަމަށް ގަބޫލު ކުރެއްވޭތީ ކަމަށެވެ.
ޝަރީފް ވިދާޅުވީ، ޖުޑިޝަރީ ރަނގަޅުކުރަންޖެހޭ ސަބަބުތަކުގެ ތެރޭގައި، ހުށަހެޅޭ މައްސަލަތަކުގައި ބޮޑެތި މީހުންނަށް ބޮޑެތިގޮތް ހަދައި ތަފާތު ކުރުންތައް ގެންގުޅުން ހިމެނޭ ކަމަށެވެ. އަދި ބައެއް މައްސަލަތައް ހިނގަމުން ނުދާއިރު އަނެއްބައި މައްސަލަތައް ފަޓާސްބަރިއެއްހެން ކުރިއަށްދާ ކަމަށާއި، ރައީސް ޔާމީންގެ މައްސަލައަކީ މިހާރު އެގޮތަށް ކުރިއަށްދާ މައްސަލައެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ޝަރީފް ވިދުވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ، މަގާމުން ވަކި ކުރުމަށް މަޖިލީހަށް ހުށަހަޅައިގެން ކުރިއަށްދާ މައްސަލައަކީ، ސުޕްރީމް ކޯޓުން ނެރެފައިވާ އަމުރާ ހިލާފަށް ކުރިއަށްދާ މައްސަލައެއްކަމަށް ގަބޫލު ކުރަންޖެހޭ ކަމަށެވެ. ނަމަވެސް އޭގެ މާނައަކީ އެ އަމުރު ސައްހަކަމަށް ގަބޫލު ކުރެއްވީނޫން ކަމަށްވެސް އާދަމް ޝަރީފް ވިދާޅުވިއެވެ.