ޝަހީދާ އަބްދުﷲ ސައީދު
ހުޅުމާލެއިން ދޫކޮށްފައިވާ ފުލެޓްތަކުގެ ކޮމަން އޭރިޔާ، ގަވައިދާ ހިލާފަށް ބޭނުންކުރަމުންދާތީ އެތަން ބޭނުންކުރާ ގޮތް ބެލުމަށް ކުރާ ސާވޭގެ މަސައްކަތް އަންނަ މަހު ނިމޭނެ ކަމަށް އެޗްޑީސީން ބުނެފިއެވެ.
''ވަން އޮންލައިން'' އަށް މައުލޫމާތު ދެއްވަމުން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސުހައިލު މިއަދު ވިދާޅުވީ، މިދިޔަ މަހު ފެށި ސާވޭގެ މަސައްކަތް މިހާތަނަށް ނުނިމި ލަސްވީ އެޗްޑީސީން ކުރަމުން އަންނަ އެހެން މަސައްކަތްތައްވެސް ހުރުމާއެކު ކަމަށެވެ.
ނަމަވެސް އަންނަ މަސް ނިމޭއިރު ފުލެޓްތައް ޗެކު ކުރުމުގެ މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ސުހައިލު ވިދާޅުވި ގޮތުގައި މިހާރު ސާވޭގެ ބޮޑުބައި ވަނީ ނިމިފައެވެ. މިސާވޭގައި ހުޅުމާލޭގައި ހުރި ހުރިހާ ފުލެޓްތަކެއްގެ ކޮމަން އޭރިޔާ ބޭނުންކުރާގޮތް ބަލާނެ ކަމަށާއި ގަވައިދާ ހިލާފަށް އަމަލުކުރާނަމަ އެފަރާތްތަކަށް ލިޔުމުން އެންގުމަށްފަހު، އެކަން އިސްލާހުނުކޮށްފިނަމަ އަޅަންޖެހޭ ފިޔަވަޅުވެސް އަޅާނެ ކަމަށް ވިދާޅުވިއެވެ. އަދި އަޅާނެ ފިޔަވަޅާއި މެދު އެޗްޑީސީގެ ކޮމެޓީއަކުން މަޝްވަރާކުރަމުން އަންނަ ކަމަށް ވެސް ސުހައިލު ވިދާޅުވިއެވެ.
އެޗްޑީސީން ފުލެޓްތަކުގެ ކޮމަން އޭރިޔާ ބޭނުންކުރާ ގޮތުގެ ސާވޭއެއް ކުރަން ފެށީ، ހުޅުމާލެއިން ދޫކޮށްފައިވާ ފުލެޓުތަކުގައި ދިރިއުޅޭ ފަރާތްތަކުން ފުލެޓްތަކުގެ ކޮމަން އޭރިޔާ ގަވައިދާ ހިލާފަށް ބޭނުން ކުރަމުންދާ ކަމުގެ ޝަކުވާ އެ ކޯޕަރޭޝަނަށް ލިބެމުންދާތީއެވެ.
މިދިޔަ މަހުގެ ތިންވަނަ ދުވަހު އެޗްޑީސީން ކުރި އިއުލާނެއްގައި ބުނެފައިވަނީ، ކޮމަން އޭރިއާގައި އިމާރާތްކޮށްފައި ހުރިތޯ އާއި، އެއްމެދު އިމާރާތަށް ގެއްލުންވާ ފަދަ ގަސްތައް އިންދާފައި ހުރިތޯ އާއި އެތަން ހިޔާކޮށް، ދޮރު ހަރުކޮށްފައި ހުރިތޯ ބަލާނެ ކަމަށެވެ.
އަދި އިމާރާތުގެ ބޭރަށް ބަދަލެއް ގެނެސްފައި ހުރިތޯ އާއި ވިޔަފާރި ބޭނުމަށް ކޮމަން އޭރިއާ ބޭނުން ކުރޭތޯ އާއި، ބެލްކަނީގެ ރެއިލިން އިން ދޮރުކަނޑާފައި ހުރިތޯވެސް ބަލާނެ ކަމަށް ބުންޏެވެ.
އެޗްޑީސީން ބުނީ، ހުޅުމާލެއަކީ މީހުން ދިރިއުޅުމަށް ހިތްފަސޭހަ، އަދި އިގުތިސޯދީ އެކި މަސައްކަތް ކުރަން އެކަށޭނެ މާހައުލެއް ގާއިމު ކުރަން ވަކި ގޮތަކަށް ޕްލޭން ކޮށްފައިވާ އަވަށެއް ކަމަށެވެ.