ކުއްލި ޚަބަރު

ކުރީގެ ހޯމް މިނިސްޓަރު އަޒްލީނަށް ހަމަލާދީ މަރުގެ އިންޒާރު ދީފި

ކުރީގެ ހޯމް މިނިސްޓަރު އަހުމަދު އަޒްލީނަށް މީހަކު ހަމަލާދީ މަރުގެ އިންޒާރު ދީފިއެވެ.

އަޒްލީން "ވަން" އަށް ވިދާޅުވީ، އޭނާއަށް މީހަކު އައިސް ހަމަލާދިނީ މިރޭ 12:15 އެހާކަންހާއިރު ދިރިއުޅުއްވާ ގެ ކައިރީގައި ހުންނަ ކެފޭއެއްގައި ހުރެފައި ގެއަށް ވަޑައިގެން މަގުމަތީގައި ކަމަށެވެ.

އަދި އިތުރު ހަމަލާއަކުން އެނާ ސަލާމަތްވީ އިއްތިފާގުން އެތަނަށް ކުލަ ހެދުމުގައި ތިބި ދެ ފުލުހަކު އައުމުން ކަމަށާއި ނަމަވެސް ސީންއަށް ފުލުހުން އައިއިރު ވެސް ހަމަލާދިން މީހާ އެތަނުގައި ހަޅޭއްލަވަން ހުރި ކަމަށެވެ.

"އެ މީހާ އައިސް އަޅުގަނޑުގެ ގައިގާ ދެ ފަހަރު ޖެހި. ގެއަށް ވަނަނުދީ ހިފެހެއްޓި. އަދި މަރާލާނެ ކަމަށާއި ފުޑާލާނެ ކަމުގެ އިންޒާރުވެސް ދިން. ހަމަލާދީފަ ބުނީ އެއްވެސް ކަމެއް ނުކުރެވޭނޭ ހެކި ދޭނެ މީހަކުވެސް ނުހުންނާނޭ... އަދި ގާސިމާ ގުޅިގެން އަނެއްކާވެސް ބަގާވާތެއް ރާވަންހެއްޔޭ އޭނަ ބުނި،" ހާދިސާ ހިނގި ގޮތް އަޒްލީން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ހަމަލާ ދިނުމުގެ ސަބަބުން މާބޮޑު އަނިޔާއެއް ނުލިބުނު ނަމަވެސް ނަފްސާނީ ގޮތުން ވަރަށް ބޮޑަށް ބިރުގެންފައިވާ ކަމަށެވެ. އަދި ހަމަލާދިން ސީންއަށް ހާޒިރުވި ބޭފުޅުން ވެސް އޭނާއަށް ހަމަލާދިން މީހާ ހައްޔަރު ކޮށްފައިނުވާކަން އަޒްލީން ފާހަގަކުރެއްވިއެވެ.

ނަމަވެސް އަޒްލީންގެ ފަރާތުން އެ މައްސަލަ މިހާރު ވަނީ ފުލުހަށް ހުށަހަޅައިފައެވެ.

އަޒްލީނަށް މިރޭ ހަމަލާދީފައި މިވަނީ، ސަރުކާރާ އިދިކޮޅު ދެ ޕާޓީގެ އިސް ބޭފުޅުންތަކަކާއެކު ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީ (ޖޭޕީ)އަށް އޭނާ ރޭ ސޮއިކުރައްވާފައި ވަނިކޮށެވެ.

އަޒްލީން ވިދާޅުވީ، މިރޭ އޭނާއަށް ދިން އެ ހަމަލާއަކީ ޖޭޕީއާ ގުޅުމުން ދިން ހަމަލާއެއް ކަމަށް ބެލެވޭ ކަމަށެވެ. އަދި މަގުމަތީގައި މީހުން ތިއްބާ އޭނާއަށް މީހަކު ދިން އެ ހަމަލާއަކީ އެންމެންގެ ތެރޭގައި ބިރުވެރިކަން އުފެއްދުމަށް ދިން ހަމަލާއެއް ކަމަށާއި މީގެން ދައްކުވައިދެނީ މިގައުމުގައި ގާނޫނު ނުހަނގާ ކަންކަމަށެވެ.

"އަޅުގަނޑަށް ދިން ހަމަލާ ވަރަށް ހަރުކަށި އިބާރާތުން ކުށްވެރިކުރަން. އަޅުގަނޑު ރައީސްގެ އަރިހުގައި ދަންނަވާލަން ބޭނުން ރާއްޖޭގެ ސިޔާސީ ގޮތުން އިސްކޮށް ތިބޭ ބަޔަކަށް މިނިވަންކަމާއެކު ހަރަކާތްތެރިވާނެ ގޮތެއް ހައްދަވައިދެއްވާށެ. އަދި މި މައްސަލަ ފުލުހުން ވެސް ސީރިއަސް މައްސަލައެއްގެ ގޮތުގައި ނަންގަވައި ހަމަލާދިން މީހާއަށް ގާނޫނީ ފިޔަވަޅު އަޅުއްވާށޭ." އަޒްލީން ވިދާޅުވިއެވެ.