ކުނި އަޅަން އިތުރު ޑަސްބިންތަކެއް ބޭނުންވާ ކަަމަށް ވިދާޅުވެ، މާލޭ ސިޓީ ކައުންސިލުގެ މޭޔަރު ޝިފާ، ޕީޕީއެމް ޕީއެންސީން ޖުމުހޫރީ ޕާޓީއަށް ގުޅިވަޑައިގެންނެވި ކުރީގެ މަޖިލިސް މެންބަރުންނާއި އެހެން ބޭފުޅުންނަށް "ޖޯކު" ޖައްސަވައިފިއެވެ.
ސަރުކާރު ކޯލިޝަނުގައި ހިމެނޭ ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންނެވި ބައެއް ބޭފުޅުންގެ ފޮޓޯ ޓުވިޓަރުގައި ހިއްސާ ކުރައްވަމުން، ޝިފާ ވިދާޅުވީ ކުނި އަޅަން އިތުރު ޑަސްބިން ބޭނުންވާ ކަމަށެވެ.
އެގޮތަށް ޓުވީޓް ކުރައްވައި، ޝިފާ ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އަރިހުގައި އުޅުއްވި ބޭފުޅުންގެ ތެރެއިން ޖޭޕީއާ ގުޅިވަޑައިގެންނެވި ބޭފުޅުންނަކީ ކުނީގެ ގޮތުގައި ސިފަކުރައްވާފައެވެ.
ޕީޕީއެމް ޕީއެންސީ ކޯލިޝަން، ދޫކޮށް އިއްޔެރޭ ޖުމްހޫރީ ޕާޓީއަށް ސޮއިކުރައްވާފައިވަނީ ޕީއެންސީގެ ކުރީގެ ޑެޕިއުޓީ ލީޑަރު އަހުމަދު ނިހާން ހުސެން މަނިކާއި ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ ކުރީގެ މެންބަރު އިބްރާހީމް ފަލާހާއި، ރައްޔިތުން މަޖިލީހުގެ ދާންދޫ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު އަސްއަދާއި ކުރީގެ ހޯމް މިނިސްޓަރު އަޒުލީނު އަހުމަދާއި، ކުރީގެ ނައިބު ރައީސް އަދި ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދާއި ޕީޕީއެމްގެ ތަރުޖަމާނު އަލީ އާރިފުގެ އިތުރުން ޕީޕީއެމްގެ ކުރީގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އިގުބާލް އާދަމެވެ.
އެބޭފުޅުން ޖޭޕީއާ ގުޅިވަޑައިގަތުމުން، ސަރުކާރުގައި ހިމެނޭ އެމްޑީޕީ ފިކުރުގެ މީހުންނާ، އެމްޑީޕީއަށް ނިސްބަތްވާ ގިނަ ފަރާތްތަކުން އަންނަނީ ޖޭޕީއަށް ފާޑު ކިޔަމުންނެވެ. އެގޮތުން ހައުސިން މިނިސްޓޓްރީގެ ސްޓޭޓް މިނިސްޓަރ އަހްމަދު ނަޝީދާ، ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދުވެސް ވަނީ އެކަމަށް ފާޑުވިދާޅުވެފައެވެ.