ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ، މަގާމުން ވަކި ކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލާގައި، ދީދީ ވަކިކުރަން ފެންނަ ކަމަށް މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ފާސްކޮށްފިއެވެ.
ފަނޑިޔާރު ދީދީއާ ގުޅޭގޮތުން ޖޭއެސްއީއަށް ހުށަހަޅާފައިވާ ތަހުގީގީ ރިޕޯޓްގައިވާ ކަންކަމަށް ބެލުމަށްފަހު ތައުދީބީ ފިޔަވަޅެއްގެ ގޮތުގައި ފަނޑިޔާރު ދީދީ ވަޒީފާއިން ވަކި ކުރުމަށް މަޖިލީހަށް ހުށަހަޅަން ނިންމީ ޖޭއެސްސީން މިއަދު ބޭއްވި ބައްދަލުވުމުގައެވެ. އަދި އެކަން މަޖިލީހަށް ފޮނުވީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ.
އެ މައްސަލަ ދިރާސާ ކުރަން ޖުޑީޝަރީ ކޮމިޓީއަށް ފޮނުވީ މިރޭ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައެވެ. އަދި ޖުޑީޝަރީ ކޮމިޓީން ފަނޑިޔާރު ދީދީ މަގާމުން ވަކިކުރަން ނިންމީ މިރޭ ބޭއްވި ޖުޑީޝަރީ ކޮމިޓީގެ ބައްދަލުވުމުގައެވެ.
ފަނޑިޔާރުން މަގާމުން ވަކި ކުރުމަށް އޮންނަ އިޖުރާއަތަކީ ޖޭއެސްސީން އެ ފަނޑިޔާރެއްގެ މައްސަލަ ބެލުމަށްފަހު ވަކި ކުރަން ފެންނަނަމަ އެ މައްސަލައެއް މަޖިލީހަށް ފޮނުވުމެވެ. ފަނޑިޔާރަކު މަގާމުން ވަކި ވާނީ އެކަމެއް މަޖިލީހުން ފާސްކުރުމުންނެވެ.
ފަނޑިޔާރު ދީދީއާ ގުޅޭ ހިޔާނާތުގެ މައްސަލައިގެ އިތުރުން ވެސް ބޮޑެތި ތުހުމަތުތަކާއެކު އޭނާގެ މައްސަލަ ޖޭއެސްސީގެ ތަހުގީގު ކޮމިޓީން ބަލާފައިވަނީ، ފަނޑިޔާރު ދީދީގެ ވެސް އެދިވަޑައިގެންނެވުމުގެ މަތީން އާންމުކޮށް ހުޅުވާލައިގެންނެވެ.
އެ ތަހުގީގަށްފަހު ދީދީގެ ދިފާއުގައި ޖަވާބުދާރީ ވުމުގެ ފުރުސަތު އޭނާއަށް ދިނުމުން ދީދީ ވަނީ ލިޔުމުން ޖަވާބުދާރީ ވެވަޑައިގެންފައެވެ. އަދި އެ ޖަވާބަށް ބެލުމަށްފަހު ޖޭއެސްސީން މިއަދު ވަނީ ތައުދީބީ ފިޔަވަޅެއްގެ ގޮތުގައި ފަނޑިޔާރު ދީދީ، މަގާމުން ވަކި ކުރުމަށް މަޖިލީހަށް ހުށަހަޅާފައެވެ.