ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ދޫކޮށްލުމުގެ ވިސްނުމެއް ނުގެންގުޅުއްވާ ކަމަށް ކުރީގެ ހެލްތު މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އަރިހުގައި، އެމަނިކުފާނާ އެންމެ ގާތުން މަސައްކަތް ކުރެއްވި ބައެއް ބޭފުޅުން ރޭގެ ވަގުތެއްގައި ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންފައިވާ އިރު، ނާޒިމްވެސް އެޕާޓީއާ ގުޅެން އުޅުއްވާ ކަމުގެ އަޑުތަކެއް ފެތުރިފައިވެއެވެ.
އެކަމާ ބެހޭގޮތުން "ވަން"އިން ސުވާލުކުރުމުން ނާޒިމް ވަނީ އެކަން ދޮގުކުރައްވައިފައެވެ. އޭނާ ވިދާޅުވީ އަދި ހުންނެވީ ޕީޕީއެމްގެ މެމްބަރެއްގެ ގޮތުގައި ކަަމަށާއި އެހެން ޕާޓީއަކާ ގުޅިވަޑައިގަތުމުގެ ވިސްނުން ނުގެންގުޅުއްވާ ކަމަށެވެ. އަދި ބައެއް ބޭފުޅުން ޕީޕީއެމް ދޫކުރެއްވިޔަސް އެޕާޓީ ނިކަމެތިވެދާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.
ޕީއެންސީގެ ކުރީގެ ނައިބު ރައީސް އަހްމަދު ނިހާން ހުސެއިން މަނިކުގެ އިތުރުން ރޭ ޖޭޕީއާ ގުޅިވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ ކުރީގެ މެންބަރު އިބްރާހީމް ފަލާހާއި ކުރީގެ ހޯމް މިނިސްޓަރު އަޒްލީން އަހްމަދާއި ކުރީގެ ނައިބު ރައީސް އަދި ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދާއި ޕީޕީއެމްގެ ތަރުޖަމާނު އަލީ އާރިފްގެ އިތުރުން ޕީޕީއެމްގެ ކުރީގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އިގްބާލް އާދަމް ހިމެނެއެވެ.