ސިޔާސީ

ޕާޓީ ދޫކޮށް ދިޔައީ ޕާޓީގެ ކުރު މާޒީގައި ސިޔާސީ އެއްވެސް ކަމެއްގައި އަމަލީ ގޮތުން ބައިވެރިވި ބައެއްނޫން: ޝުޖާއު

މަރިޔަމް ޝަހުދާ

ޕާޓީ ދޫކޮށް ދިޔައީ ޕާޓީގެ ކުރު މާޒީގައި ސިޔާސީ އެއްވެސް ކަމެއްގައި އަމަލީ ގޮތުން ބައިވެރިވި ބައެއްނޫން ކަމަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ނައިބު ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ ކުރީގެ މެންބަރު އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެއެވެ.

ޝުޖާއު މިހެން ވިދާޅުވީ ކުރިން ސަރުކާރާއި އިދިކޮޅު ޕީޕީއެމް އަދި ޕީއެންސީ ކޯލިޝަނުގައި އިސްކޮށް މަސައްކަތް ކުރެއްވި ބައެއް ބޭފުޅުން ރޭ ޖުމްހޫރީ ޕާޓީއަށް ސޮއި ކުރެއްވުމުން އެކަމާ ގުޅިގެން ޗެނަލް 13ގެ 'ނިއުސް ޓޯކް' ޝޯގައި ރޭ ވާހަކަ ދައްކަވަމުންނެވެ. ޝުޖާއު ވިދާޅުވީ ސަރުކާރު ބަދަލުވި ފަހުން އިދިކޮޅު ކޯލިޝަންގެ ފަރާތުން ތިން ރެލީއެއް ބޭއްވިއިރު އެތަނުން އެއްވެސް ރެލީއަކަށް ޕާޓީ ދޫކޮށް ދިޔަ ބޭފުޅުން ޒައްރެއްގެ މިންވަރުވެސް އެހީވެފައި ނުވާނެ ކަމަށެވެ.

މިހާރުވެސް ޕީޕީއެމް ޕީއެންސީ ލީޑަޝިޕުގެ އިތުރުން ޕާޓީގެ ޒުވާން މެންބަރުން ވަރަށް މަސައްކަތް ކުރައްވާކަން ޝުޖާއުގެ ވާހަކައިގައި ފާހަގަ ކުރެއްވި އެވެ. ޝުޖާއު ވިދާޅުވީ ޕާޓީގެ ހަރަކާތްތަކަށް މަޑުޖެހުމެއް ނާންނާނެ ކަމަށާއި އަންނަ ސެޕްޓެމްބަރު މަހު 12 ގައި ބާއްވަން ތައްޔާރުވަމުން އަންނަ ރެލީ ކުރިއަށް ވުރެ ފޯރި ގަދަވާނެ ކަމަށެވެ.

މީގެ އިތުރުން ވަރަށް އަވަހަށް ''ހައިބަތުން ވަރަށް ބޮޑެތި'' މީހުން ޕާޓީއާއި ގުޅޭނެ ކަމަށް ޝުޖާއު ވިދާޅުވިއެވެ. އަދި ވަރަށް ބޮޑެތި މަސައްކަތް ކުރަމުން އަންނަ ކަމަށާއި، ދެ ދުވަހެއްގެ ތެރޭ އެކަންކަން ނޫސްވެރިންގެ ބައްދަލުވުމެއްގައި ހިއްސާކުރާނެ ކަމަށް ޝުޖާއު ވިދާޅުވިއެވެ. މީގެ އިތުރުން ޕާޓީއަށް ގުޅެނީ ޕާޓީއަށް އިހުލާސްތެރި ބައެއް ކަމަށް ޝުޖާއު ވިދާޅުވިއެވެ. އަދި ޕާޓީގެ ހަގީގީ ބާރުގައި ހިނގައިގަންނަނީ އަދިކިރިޔާ ކަމަށް ޝުޖާއު ފާހަގަ ކުރެއްވިއެވެ.

ޝުޖާއު ވިދާޅުވީ އިދިކޮޅު ކޯލިޝަނުން ވަކިވެ ސަރުކާރު ކޯލިޝަނާއި ރޭ ގުޅިފައިވަނީ ސަރުކާރަށް އެންމެ ގިނައިން އެއްޗެހި ކީ މީހުންކަމަށެވެ. އަދި މި މަސައްކަތަކީ އިދިކޮޅު ކޯލިޝަން ރޫޅާލުމަށް ސަރުކާރުން ކުރާ މަސައްކަތެއްކަމަށް ތުހުމަތުކޮށް ޝުޖާއު ވިދާޅުވީ އެކަން ކާމިޔާބު ވިޔަ ނުދޭނެ ކަމަށެވެ. އަދި ސަރުކާރު އަޑީގައި އޮވެ ކުރަމުން އަންނަ އެއްވެސް ކަމެއް ކާމިޔާބު ވިިޔަ ނުދޭނެކަމަށް ޝުޖާއު ވިދާޅުވިއެވެ.

ރޭ ޖުމްހޫރީ ޕާޓީއިން ބޭއްވި ހާއްސަ ހަފްލާއެއްގައި ޕީޕީއެމް އަދި ޕީއެންސީގައި އިސްކޮށް ހަރަކާތްތެރިވި ބައެއް ބޭފުޅުން ވަނީ ޖުމްހޫރީ ޕާޓީއަށް ސޮއިކުރައްވާފައެވެ. އެގޮތުން ޕީއެންސީގެ ކުރީގެ ޑެޕިއުޓީ ލީޑަރު އަހްމަދު ނިހާން ހުސެން މަނިކާއި ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ ކުރީގެ މެންބަރު އިބްރާހީމް ފަލާހާއި، ރައްޔިތުން މަޖިލީހުގެ ދާންދޫ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު އައްސަދާއި، ކުރީގެ ހޯމް މިނިސްޓަރު އަޒްލީން އަހްމަދާއި، ކުރީގެ ނައިބު ރައީސް އަދި ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދާއި ޕީޕީއެމްގެ ތަރުޖަމާނު އަލީ އާރިފްގެ އިތުރުން ޕީޕީއެމްގެ ކުރީގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އިގްބާލް އާދަމް ވަނީ ރޭ ޖުމްހޫރީ ޕާޓީއަށް ސޮއި ކުރައްވާފައެވެ.