ޕީޕީއެމް އަދި ޕީއެންސީ އަކީ ވަކި މީހަކު ނުވަތަ ވަކި ބަޔަކު ނެތުމުން ޕުލުސްޓޮޕް ޖެހޭނެ ޕާޓީއެއް ނޫން ކަމަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ނައިބު ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ ކުރީގެ މެންބަރު އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެއެވެ.
ޝުޖާއު މިހެން ވިދާޅުވެފައިވަނީ އިދިކޮޅު ކޯލިޝަންގެ އިސް ބޭފުޅުންތަކެއް ރޭ ޖުމްހޫރީ ޕާޓީއަށް ސޮއިކުރުމާއި ގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ. ޝުޖާއު ވިދާޅުވީ ދެން ޕާޓީ ވާނީ ވަރުގަދަ ކަމަށެވެ. އަދި ކުރިއަށް އޮތް ދެތިން ދުވަސް ތެރޭ ޕާޓީގެ މުހިންމު ކަންތައްތަކެއް އާންމު ކުރެވޭނެ ކަމަށް ޝުޖާއު ވިދާޅުވިއެވެ.
މީގެ އިތުރުން ޗެނަލް 13 ގެ ''ނިއުސް ޓޯކް'' ޝޯގައި ރޭ ވާހަކަ ދައްކަވަމުން ޝުޖާއު ވަނީ ޖުމްހޫރީ ޕާޓީ އާއި އަލަށް ގުޅިވަޑައިގަތް ޕީޕީއެމް/ޕީއެންސީގެ ކުރީގެ މެމްބަރުން ކުރިން ޕާޓީއަށް ކޮށްދެއްވި މަސައްކަތް ތަކަށް ޝުކުރު އަދާކުރައްވާފަ އެވެ. ޝުޖާއު ވިދާޅުވީ ބަޔަކު ޕާޓީ ދޫކޮށް ދިއުމުން ޕާޓީ ބަލިކަށިވީކަމަށް ނުބެލެވޭނެ ކަމަށެވެ. ޝުޖާއު ވިދާޅުވީ ޕާޓީ ދޫކޮށް ދިޔަ މެންބަރުން ނުލައިވެސް ޕީޕީއެމް ހިނގާނެކަމަށެވެ. އަދި ޕީޕީއެމްއަކީ ފިކުރެއް ކަމަށާއި ޕާޓީ ދޫކޮށް ދިޔައީ ޕާޓީގެ ކުރު މާޒީގެ ތެރޭ ޕާޓީގެ ސިޔާސީ އެއްވެސް ކަމެއްގައި އަމަލީ ގޮތުން ބައިވެރިވެގެން އުޅުނު ބައެއް ނޫންކަމަށް ޝުޖާއު ވިދާޅުވިއެވެ.
ޝުޖާއު ވިދާޅުވީ ކަން ވާގޮތް ނޭނގިގެން ނޫޅޭ ކަމަށެވެ. އަދި ޕީޕީއެމް ޕީއެންސީ ކޯލިޝަނުގައި އެންމެ އިސްކޮށް އުޅެފައި މި ބޭފުޅުން ޕާޓީ ދޫކޮށް ޖެމްހޫރީ ޕާޓީއާއި ގުޅުނީ ސީދާ އެކަމުގެ އަޑީގައި މިހާރުގެ ސަރުކާރު އޮވެގެން ކަމަށް ޝުޖާއު ތުހުމަތު ކުރިއެވެ. ޝުޖާއު ވަނީ ސަރުކާރުން މިހާރުގެ އިދިކޮޅު ކޯލިޝަން ރޫޅާލަން މަސައްކަތް ކުރާކަމަށް ތުހުމަތުކޮށްފައެވެ. އަދި ޕީޕީއެމް/ޕީއެންސީ އަކީ ވަކި މީހަކަށް ބަރޯސާވެގެން ހިނގާނެ ޕާޓީއެއް ނޫންކަމަށާއި ބަޔަކު ޕާޓީ ދޫކޮށް ދިޔަނަމަވެސް ޕާޓީ ހިނގާނެ ކަމަށް ޝުޖާއު ތަކުރާރުކޮށް ވިދާޅުވިއެވެ.
ޕީޕީއެމް ޕީއެންސީ ކޯލިޝަން، ޕްރޮގްރެސިވް ކޯލިޝަން ދޫކޮށް ރޭ ޖުމްހޫރީ ޕާޓީއަށް ސޮއިކުރައްވާފައިވަނީ ޕީއެންސީގެ ކުރީގެ ޑެޕިއުޓީ ލީޑަރު އަހްމަދު ނިހާން ހުސެން މަނިކާއި ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ ކުރީގެ މެންބަރު އިބްރާހީމް ފަލާހާއި، ރައްޔިތުން މަޖިލީހުގެ ދާންދޫ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު އައްސަދާއި، ކުރީގެ ހޯމް މިނިސްޓަރު އަޒްލީން އަހްމަދާއި، ކުރީގެ ނައިބު ރައީސް އަދި ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދާއި ޕީޕީއެމްގެ ތަރުޖަމާނު އަލީ އާރިފްގެ އިތުރުން ޕީޕީއެމްގެ ކުރީގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އިގްބާލް އާދަމް އެވެ.