ޗެލްސީގެ ޒުވާން ކުޅުންތެރިންނަށް އެކްލަބުގެ ކޯޗު ފްރޭންކް ލަމްޕާޑް އިތުރު ހިތްވަރެއް ދެމުން އަންނަ ކަމަށް ޗެލްސީގެ ޒުވާން ފޯވަޑް ޓެނީ އަބްރަހަމް ބުނެފިއެވެ.
އުމުރުން 21 އަހަރުގެ އަބްރަހަމް ވަނީ ޗެލްސީން ރަށުން ބޭރުގައި ނޯވިޗް ސިޓީއާ ދެކޮޅަށް ކުޅުނު އިނގިރޭސި ޕްރިމިއާ ލީގު މެޗުގައި ދެ ލަނޑު ކާމިޔާބުކޮށްފައެވެ. މިހާތަނަށް ލީގުގައި ޗެލްސީން ތިން މެޗު ކުޅެފައިވާ އިރު، މިދިޔަ ހޮނިހިރު ދުވަހު ނޯވިޗް އަތުން ހޯދި މޮޅަކީ ޗެލްސީގެ މިސީޒަނުގެ ފުރަތަމަ މޮޅެވެ.
އެ މެޗުގައި ޗެލްސީއަށް އިނގިރޭސި ފޯވަޑް އަބްރަހަމް ލީޑު ހޯދައިދިން ނަމަވެސް، ޓޮޑް ކޭންޓްވެލް ވަނީ ނޯވިޗްއަށް ނަތީޖާ ހަމަހަކޮށްދީފައެވެ. ޗެލްސީގެ ޒުވާން މިޑްފީލްޑަރު މޭސަން މައުންޓް އެޓީމަށް އަލުން ލީޑު ހޯދައިދިން އިރު، އަބްރަހަމް ޖެހި ދެވަނަ ލަނޑު ފެނިގެންދިޔައީ މެޗުގެ 68 ވަނަ މިނެޓުގައެވެ.
އެ މެޗަށްފަހު ޗެލްސީގެ ރަސްމީ ވެބްސައިޓަށް ދިން އިންޓަވިއުއެއްގައި އަބްރަހަމް ބުނީ މިސީޒަނުގައި އެކްލަބުގެ ކޯޗުކަމާ ހަވާލުވި ލަމްޕާޑުގެ ފަރާތުން ޒުވާން ކުޅުންތެރިންނަށް ވަރަށް ބޮޑު އެހީތެރިކަމެއް ލިބެމުން އަންނަ ކަމަށެވެ.
"ކޯޗު އަހަރެމެން ޒުވާން ކުޅުންތެރިންނަށް އިތުރު ހިތްވަރެއް ދޭ. ކޯޗުގެ އެ އިތުބާރުގެ ސަބަބުން ކުޅުންތެރިންގެ އެންމެ ރަނގަޅު ކުޅުން ދެއްކުމަށް މަސައްކަތްކުރާނެ،" އޭނާ ބުންޏެވެ.
ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ކުޅެ، 4-0ގެ ނަތީޖާއަކުން ބަލިވި މެޗުގައި އަބްރަހަމްއަށް ރަނގަޅު ކުޅުމެއް ދެއްކިފައިނުވާ އިރު، އޭގެ ތިން ދުވަސް ފަހުން ޔޫއެފާ ސުޕާ ކަޕްގައި ލިވަޕޫލާ ދެކޮޅަށް ކުޅުނު މެޗުގެ ޕެނަލްޓީ ޝޫޓްއައުޓްގައި ޗެލްސީ ބަލިވެފައިވަނީ އަބްރަހަމްގެ ޕެނަލްޓީ ނާކާމިޔާބުވުމާ ގުޅިގެންނެވެ.