ޖުމްހޫރީ ޕާޓީ (ޖޭޕީ)އާ ގުޅިވަޑައިގަތީ އެއްވެސް މަގާމެއް ބޭނުން ވެގެންނެއް ނޫން ކަމަށާއި ޕާޓީ ކުރިއަށް ގެންދިއުމަށް ހުރިހާ ވަގުތެއް ދޭން ތައްޔާރަށް ހުންނެވި ކަމަށް އެޕާޓީއާ މިރޭ އަލަށް ގުޅިވަޑައިގެން ޕީއެންސީގެ ނައިބް ރައީސް އަހުމަދު ނިހާން ހުސެއިން މަނިކު ވިދާޅުވެއްޖެއެވެ.
ޖޭޕީގެ މައި އޮފީސް، މ. ކުނޫޒުގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި އެޕާޓީއަށް ސޮއި ކުރެއްވުމަށްފަހު ވާހަކަދައްކަވަމުން ނިހާން ވިދާޅުވީ، އޭނާ ޖޭޕީއާ ގުޅިވަޑައިގަތީ އެޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއެކު ޖޭޕީ މުޅިން އެހެން ހަރުފަތަކަށް ގެންދަން ބޭނުންވެގެން ކަމަށެވެ. އަދި އެޕާޓީގެ އެއްވެސް މަގާމެއް ބޭނުންވެ ނުލައްވާ ކަމަށް ވިދާޅުވިއެވެ.
މިރޭގެ ރަސްމިއްޔާތުގައި ނިހާން ވަނީ އެޕާޓީއާ ގުޅިވަޑައިގަތުމުގެ ފުރުސަތު ދެއްވި ކަމަށްޓަކާ ޝުކުރުއަދާކޮށް، ގާސިމަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވާ ވާހަކަދައްކަވައިފައެވެ.
އެގޮތުން ގާސިމަކީ 2005 ވަަނަ އަހަރު ރާއްޖެއަށް ޑިމޮކްރެސީ ގެނައުމުގެ މަސައްކަތް ކުރިއިރު އެކަމުގައި ވަރަށް ބުރަކޮށް މަސައްކަތް ކުރެއްވި އަދި އޭގެ ކުރިން ވެސް އިސްލާހީ މަސައްކަތް ކުރެއްވި ބޭފުޅެއް ކަމަށް ނިހާން ވިދާޅުވިއެވެ.
އެގޮތުން ގާސިމް ޖުމްހޫރީ ޕާޓީ އުފެއްދެވީ ވެސް ރާއްޖޭގައި ތަފާތު ދެ ފިކުރެއްގެ، ދެ ސިޔާސީ ޕާޓީ އުފެދި، އެ ދެޕާޓީއާއެކު ގައުމު ނުބައި މިސްރާބަކަށް ދިއުމުން ސަލާމަތް ކުރުމަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އަދި ވިދާޅުވީ، ގާސިމަކީ ވަރަށް ހިތްހެޔޮ ބޭފުޅެއް ކަމަށާއި އެކި ކަންކަމުގައި ދެބަސްވެ ޒުވާބުކުރިއަސް ދުވަހަކު ވެސް ބުރަ ހިތެއް ގާސިމް ނުބާއްވަވާ ކަމަށެވެ.