ޖުމްހޫރީ ޕާޓީ އޮންނާނީ ސަރުކާރު ކޯލިޝަން ތެރޭގައި ކަމަށާއި ނަމަވެސް ސިޔާސީ މަސައްކަތްކުރާއިރު ޕާޓީ ބޮޑުވާން ވެސް ޖެހޭ ކަމަށް އެޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ކުރީގެ ނައިބް ރައީސް އަބްދުﷲ ޖިހާދާއި އިދިކޮޅުގެ އިސް ބައެއް ބޭފުޅުން ޖޭޕީއަށް ސޮއިކުރުމަށް މިރޭ މ. ކުނޫޒްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ، ސަރުކާރު ކޯލިޝަންގެ ތެރޭގައި އޮތް ގުޅުން ހީނަރުކުރަން ބަޔަކު މަސައްކަތް ކުރިޔަސް، ކޯލިޝަން ތުރުތުރެއް ނާޅާނެ ކަމަށެވެ.
އެގޮތުން ގާނޫނު އަސާސީއާ އިސްލާމް ދީނަށް ހުރުމަތްތެރިކޮށް ހިތާހާ ހިނދަކު ސަރުކާރު ކޯލިޝަނުން އެޕާޓީ ބޭރު ނުވާނެ ކަމަށާއި ޖުމްހޫރީ ޕާޓީން އަބަދުވެސް މަސައްކަތް ކުރާނީ ސަރުކާރު ދަމަހައްޓަން ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ، ކެތްތެރިކަން އިސްކުރަން ޖެހޭ ކަމަށާއި ރައީސް ސޯލިހުގެ ސަރުކާރަށް ފަސް އަހަރުގެ ދައުރު ފުރިހަމަ ކުރުމުގެ ފުރުސަތު ދޭން ޖެހޭ ކަމަށެވެ.
"އަޅުގަނޑު ދަންނަވަން އޮތް ވާހަކައަކީ ހަމަގައިމުވެސް ސަރުކާރު ކޯލިޝަނަކުން ބޭރު ނުވާނަމޭ. ސަރުކާރު ދަމަހައްޓަން ޖޭޕީން އަބަދު ވެސް މަސައްކަތް ކުރާނެ... ގާނޫނު އަސާސީ އާއި އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތާހާ ހިނދަކު ސަރުކާރަށް ތާއީދު އޮންނާނެ. އެހެނަސް، ސިޔާސީ ޕާޓީއެއް އުފައްދައިގެން އުޅޭއިރު ކޮންމެ ބަޔަކުވެސް ކުރިއަށްދާން މަސައްކަތް ކުރާނެ" ގާސިމް ވިދާޅުވިއެވެ.
ޖުމްހޫރީ ޕާޓީއަކަށް އަބަދު އެއްގޮތަކަށް ނޯވެވޭނެކަން ހަނދާނުގައި ބަހައްޓަން ޖެހޭނެކަން ފާހަގަކުރައްވާ ގާސިމް އިތުރަށް ވިދާޅުވީ، ކޮންމެ ޕާޓީއަކުން ވެސް މަސައްކަތް ކުރާނީ އެންމެ ކުރިއަށްދާން ކަމަށާއި އެ ރޭހުގެ އެންމެ ފަހަތުގައި ޖުމްހޫރީ ޕާޓީ އޮންނަން ބޭނުން ނުވާ ކަމަށެވެ.
އެގޮތުން ޖޭޕީއަކީ ބޮޑު ޕާޓީއަކަށް ހެދުމަށްޓަކައި ކުރަން ޖެހުނު ކޮންމެ ކަމެއްވެސް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ، ސިޔާސީ ކަންކަމުގައި އޮންނަނީ "އިންޓްރެސްޓް" ކަމަށާއި "ޓްރަސްޓް" ގިނަ ފަހަރަށް ނޯންނާނެ ކަމަށެވެ. އަދި ކޮންމެ މީހަކުވެސް، އެމީހެއްގެ "ޓްރަސްޓް" އޮތް ގޮތަކަށް "އިންޓްރެސްޓާއެކު" ކޮންމެވެސް ދިމާލަކަށް ދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އަދި އޭނާއަކީ ރާއްޖޭގެ ޑިމޮކްރެޓިކް ހަޔާތާއި އިސްލާހީ އެކި ކަންކަމުގައި ވަރަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ބޭފުޅެއް ކަމުން، އެ މަސައްކަތް ކުރައްވާއިރު އެއްވެސް މީހަކާ ދޭތެރޭގައި ހަސަދަވެރިކަމެއް ހިތުގައި ނުބާއްވަވާ ކަމަށް ވެސް ގާސިމް މިރޭ ވިދާޅުވިއެވެ.
"ކޮންމެ ބޭފުޅަކުވިޔަސް، ސިޔާސީ ޕޯޑިއަމްއެއްގައި ކޮންމެ ވާހަކައެއް ދައްކަވާފައި ނިންމާލލިޔަސް، އެ އަޑު އަޅުގަނޑުގެ ކަންފަތަށް އިވޭއިރު އެ ހިސާބުން އެވާހަކަ ނިމޭއިރު، އެ އަޑުތައް އަޅުގަނޑުގެ ބޮލުންވެސް އޮންނަނީ ގޮސްފަ" ގާސިމް ވިދާޅުވިއެވެ.