ދެން ރާއްޖޭގެ "ކިންގް" އަކަށް ވެވަޑައިގަންނަވާނީ ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ގާސިމް އިބްރާހީމް ކަމަށް، އެޕާޓީއާ މިރޭ ގުޅިވަޑައިގެން ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ ކުރީގެ މެމްބަރު އަލީ އާރިފް ވިދާޅުވެއްޖެއެވެ.
މ. ކުނޫޒުގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި ޖޭޕީއަށް ސޮއިކުރެއްވުމަށްފަހު ވާހަކަދައްކަވަމުން އާރިފް ވިދާޅުވީ، ގާސިމަކީ އަބަދުވެސް ރައްޔިތުންނަށްޓަކައި މަސައްކަތް ކުރައްވާ ބޭފުޅެއް ކަމަށެވެ. އަދި ކޮންމެ ޕާޓީއަކުން ވެސް ވެރިކަން ހޯދުމުގައި ޖޭޕީގެ އެހީ ހޯދާއިރު، ދެން އެ ފުރުސަތު ލިބޭނީ ޖޭޕީއަށް ކަމަށް އޭނާ ވިދާޅުވިއެވެ.
"ދެން ކިންގަކަށް ވާނެ ބޭފުޅަކީ ގާސިމް އިބްރާހީމް" ޕީޕީއެމްގެ ކުރީގެ ތަރުޖަމާނުކަން ކުރެއްވި އާރިފް ވިދާޅުވެއްޖެއެވެ.
އާރިފް ވިދާޅުވީ އޭނާއަކީ ސިޔާސީ ދާއިރާގައި 10 އަހަރު ދުވަހު މަސައްކަތް ކުރައްވާފައިވާ ބޭފުޅެއް ކަމަށާއި ކޮންމެ ބަޔަކާ އެކީގައި ވެސް މަސައްކަތް ކުރީ ވަަރަށް ތެދުވެރިކަމާއެކު ކަމަށެވެ.
މިރޭ ކުނޫޒުގައި ބޭއްވި ރަސްމިއްޔާތެއްގައި އާރިފް އިތުރުން ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދާއި ކުރީގެ ހޯމް މިނިސްޓަރު އަޒްލީން އަހްމަދު ވެސް ވަނީ ޖޭޕީއަށް ސޮއި ކުރައްވައިފައެވެ.
އެ ބޭފުޅުންގެ އިތުރުން ޕީއެންސީގެ ކުރީގެ ނައިބު ރައީސް އަހްމަދު ނިހާން ހުސެން މަނިކާއި އިނގުރައިދޫ ދާއިރާގެ ކުރީގެ މެންބަރު އިބްރާހިމް ފަލާހު އާއި ދާންދޫ ދާއިރާގެ ކުރީގެ މެންބަރު އައްސަދާއި ނިލަންދޫ ދާއިރާގެ ކުރީގެ މެމްބަރު އަދި ޕީޕީއެމްގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް އަބްދުﷲ ހަލީލު އަދި ޕީޕީއެމްގެ ކުރީގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އިގްބާލް އާދަމް ވެސް މިރޭގެ ރަސްމިއްޔާތުގައި ޖޭޕީއާ ގުޅިވަޑައިގެން، އެކަމުގެ ލިޔުން އެޕާޓީގެ ލީޑަރު ގާސިމަށް ވަނީ އަރުވައިފައެވެ.