ސިޔާސީ

ވަކި މީހެއްގެ ފަހަތުގައި ހުރުން ރަނގަޅު ނޫންކަން އެނގުމުން އެމީހެއްގެ ފަހަތުގައި ހުންނާކަށް ނުޖެހޭ: އަޒްލީން

ފަތޯނާ ފާއިޒު

ވަކި މީހެއްގެ ފަހަތުގައި ތިބުން އެއީ ރަނގަޅު ގޮތް ނޫންކަން އެނގުމުން އެމީހެއްގެ ފަހަތުގައި ހުންނަން ނުޖެހޭ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އަޒްލީން އަހްމަދު ވިދާޅުވެއްޖެއެވެ.

މިރޭ ކުނޫޒުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ޖޭޕީއާ ގުޅިވަޑައިގަތުމަށްފަހު ވާހަކަދައްކަވަމުން އަޒްލީން ވިދާޅުވީ މިރޭ މި ފެށިގެން ދިޔައީ ވަަރަށް ދިގު ދަތުރެއްގެ ފެށުން ކަމަށެވެ. އޭނާ ވިދާޅުވީ ބިރު ދެއްކުމާއި މަލާމާތާއި ފުރައްސާރައިގެ ތެރޭގައި ސިޔާސީ ކަންކަމެއް ނުކުރެވޭނެ ކަމަށެވެ. އަދި ޑިމޮކްރެޓިކް ވެއްޓެއްގައި އެއްވެސް މީހަކު އެފަދަ ކަންކަމަށް މަރުހަބާއެއް ނުކިޔާނެ ކަމަށްވެސް އަޒްލީން ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެފަދައިން އަމަލު ކުރާ މީހުންނަށް މީހުންގެ ބަދު ދުއާ ލިބޭނެ ކަމަށެވެ.

އަޒްލީންގެ ވާހަކައިގައި ވަނީ ޖޭޕީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމަށް ވަރަށް ބޮޑަށް ތައުރީފު ކުރެއްވިއެވެ. އޭނާ ވިދާޅުވީ ގާސިމަކީ ރާއްޖޭގެ ސިޔާސީ ނަވަށް ކުރިމަތިވާ ހާލަތަށް ބައްލަވާފައި ފިޔަވަޅު އަޅުއްވާ ބޭފުޅެއް ކަމަށެވެ. އަދި ގާސިމްގެ ހިތްޕުޅަކީ ރައްޔިތުންނަށްޓަކައި އެންމެ އޯގާތެރި ހިތްޕުޅު ކަމަށްވެސް އަޒްލީން ވިދާޅުވިއެވެ.

"ހުރިހާ ދާއިރާއެއްގައިވެސް އެންމެ ގިނަ ހިދުމަތްތަކެއް ކުރެއްވި ލީޑަރަކީ ގާސިމް. ގާސިމް އަކީ މިސާލު ދައްކަވަމުން ގެންދަވާ ސިޔާސީ މުފައްކިރެއް،" ޖޭޕީގެ ލީޑަރަށް ތައުރީފުކުރައްވަމުން އަޒްލީން ވިދާޅުވިއެވެ.

ޖުމްހޫރީ ޕާޓީއަކީ އެންމެ މަގުބޫލް ޕާޓީއަށް ހެދުމަށް މަސައްކަތް ކުރާނެކަން ފާހަގަކުރައްވައި އަޒްލީން ވިދާޅުވީ، އެޕާޓީއަކީ ކޮންމެ މީހަކަށްވެސް މަރުހަބާ ކިޔާ ޕާޓީއެއް ކަމަށެވެ. އޭނާ ވިދާޅުވީ ޖޭޕީއާ ގުޅިވަޑައިގަތީ ވަރަށް އިހުލާސްތެރި ހިތަކާއެކު، އެޕާޓީގެ ލީޑަރު ގާސިމް މަރުހަބާ ދެންނެވުމުން ކަމަށެވެ.

"އިރާދަކުރެއްވިއްޔާ ޖޭޕީގެ މަގުސަދު ކާމިޔާބު ކުރެވޭނެ. ޖޭޕީ އަކީ އެންމެންނަށް މަރުހަބާ ކިޔާ ޕާޓީއެއް." އަޒްލީން ވިދާޅުވިއެވެ.