ކުއްލި ޚަބަރު

ކުރީގެ ނައިބް ރައީސް ޖިހާދާއެކު އިދިކޮޅުގެ އިސް ބޭފުޅުންތަކެއް ޖޭޕީއަށް ސޮއިކުރައްވައިފި

ފަތޯނާ ފާއިޒު

ސަރުކާރާ އިދިކޮޅު ޕީޕީއެމްއާ ޕީއެންސީގެ އިސް ބޭފުޅުންތަކެއް ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންފިއެވެ.

މިހާރު ކުނޫޒުގައި ކުރިއަށްދާ ހާއްސަ ރަސްމިއްޔާތެއްގައި ޖޭޕީއަށް ސޮއިކުރެއްވި ބޭފުޅުންގެ ތެރޭގައި ޕީއެންސީގެ ކުރީގެ ޑެޕިއުޓީ ލީޑަރު އަހްމަދު ނިހާން ހުސެން މަނިކާއި ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ ކުރީގެ މެމްބަރު އިބްރާހީމް ފަލާހާއި، ކުރީގެ ހޯމް މިނިސްޓަރު އަޒްލީން އަހްމަދާއި، ކުރީގެ ނައިބު ރައީސް އަދި ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދާއި ޕީޕީއެމްގެ ތަރުޖަމާނު އަލީ އާރިފްގެ އިތުރުން ޕީޕީއެމްގެ ކުރީގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އިގްބާލް އާދަމް ހިމެނެއެވެ.

ރޭގެ ރަސްމިއްޔާތުގައި ޕީޕީއެމްގެ ލީޑަރޝިޕުގެ ގިނަ ބޭފުޅުންތަކެއް ޖޭޕީއަށް ގުޅިވަޑައިގެންނެވި އިރު އެބޭފުޅުން ވަކިވަކީން ވާހަކަވެސް ދެއްކެވި އެވެ. ހުރިހާ ބޭފުޅުންގެ ވާހަކައިގައި ވެސް ވަނީ ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވައިފަ އެވެ.

ޖޭޕީއަކީ ކޯލިޝަނުގައި އޮތް ޕާޓީއެއް ކަމުން، ސަރުކާރަށް ވެސް ދޭން ޖެހޭ އެއްބާރުލުން ދެއްވާނެ ކަމަށް ރޭ ޖޭޕީއާ ގުޅިވަޑައިގެންނެވި ބައެއް ބޭފުޅުން ވިދާޅުވި އެވެ.

ޖޭޕީއާ ގުޅިވަޑައިގެން އެބޭފުޅުން ދެއްކެވި ވާހަކައިގައި މައިގަނޑު ގޮތެއްގައި ވިދާޅުވީ، އެހެން ސަރުކާރުތައް ގެނައުމަށް ޖޭޕީގެ ލީޑަރަށް ވަރަށް ގިނަ މަސައްކަތް ކުރެއްވިއްޖެ ކަމަށާއި ކުރިޔަށް އޮތް ރިޔާސީ އިންތިޚާބަކީ ސީދާ ގާސިމް އިބްރާހީމް ރައީސް ކަމަށް ވަޑައިގަންނަވާ އިންތިޚާބު ކަމަށް ހެއްދެވުން ކޮންމެހެން ވެސް މުހިންމު ކަމަށެވެ. އަދި ޖޭޕީ ބޮޑުކޮށް އެ އަމާޒަށް ވާސިލުވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވެސް އެ ބޭފުޅުން ވިދާޅުވި އެވެ.