ކުރިއަށް އޮތްތަނުގައި ވެސް ހުންނާނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ފަހަތްޕުޅުގައި ކަމަށާއި އެމަނިކުފާނު ދޫކޮށްފައި ނުދާނެ ކަމަށް ޕީއެންސީގެ ރައީސް އަދި ފޮނަދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުލް ރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
އަދުރޭ އެހެން ވިދާޅުވީ، އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީގެ އިސް ބޭފުޅުންތަކެއް އެޕާޓީ ދޫކުރައްވާ ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީ (ޖޭޕީ)އަށް މިރޭ ސޮއިކުރައްވަން ނިންމަވާފައި ވަނިކޮށެވެ.
އެގޮތުން ޕީއެންސީގެ ނައިބް ރައީސް އަދި ޕީޕީއެމް ޕީޖީ ގުރޫޕްގެ ކުރީގެ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކާއި ނިލަންދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ހަލީލާއި ކެލާ ދާއިރާގެ ކުރީގެ މެމްބަރު އަލީ އާރިފްގެ އިތުރުން ދާންދޫ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު އައްސަދު މިރޭ ޖޭޕީއަށް ސޮއިކުރައްވަން ވަނީ ނިންމަވައިފައެވެ.
އެކަން "ވަން" އަށް ކަށަވަރު ކޮށްދެއްވީ މިރޭ ޖޭޕީއާ ގުޅިވަޑައިގަންނަވާ ރައްޔިތުން މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ ކުރީގެ މެންބަރު އިބްރާހިމް ފަލާހެވެ. ފަލާހު ވިދާޅުވި ގޮތުގައި، އަބްދުއްރަހީމް ވެސް ޖޭޕީއާ ގުޅިވަޑައިގަތުމަށް ވަނީ ނިންމަވައިފައެވެ.
ނަމަވެސް މިވަގުތު އަދުރޭ ހުންނެވީ ރާއްޖެއިން ބޭރުގައި ކަމުން އޭނާ ޖޭޕީއާ ގުޅިވަޑައިގަންނަވާނީ ރާއްޖެ އައިސް އަންނަ ހަފްތާގެ ތެރޭގައި ކަމަށް ފަލާހު ވިދާޅުވެފައިވެއެވެ.
ނަމަވެސް އަދުރޭ މިއަދު ކުރެއްވި ޓުވީޓެއްގައި ވަނީ އެކަން ދޮގު ކުރައްވައިފައެވެ. އޭނާ ވިދާޅުވީ، ސިޔާސީ މަސައްކަތް ފެށީ ވެސް ރައީސް ޔާމީނާއެކު ކަމަށެވެ. އަދި މިއަދު ވެސް ކުރިއަށް އޮތްތަނުގައި ވެސް ހުންނާނީ އެގޮތުގައި ކަމަށެވެ.
"ރައީސް ޔާމީން ދޫކޮށްފަ ދާނެ ދުވަހެއް އިރާދަ ކުރެއްވިއްޔާ ނާންނާނެ،" އަދުރޭގެ ޓުވީޓްގައި ވިދާޅުވެފައިވެއެވެ.