ޑރ. އަޒްމިރަލްޑާ ޒާހިރު އާއި އަލްއުސްތާޒާ އައިޝާ ޝުޖޫން މުހައްމަދު ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަން ކުރެއްވުމަށް ޖުޑީޝަލް ސާރވިސަސް ކޮމިޝަން (ޖޭއެސްސީ) އިން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް ލަފާ އަރުވައިފިއެވެ.
ގާނޫނު އަސާސީގެ 148 ވަނަ މާއްދާގެ (ހ) ގެ ދަށުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވުމަށް ޖޭއެސްސީގެ ލަފައަކަށް އެދި ރައީސް ސޯލިހު އެ ދެ ބޭފުޅުންގެ ނަންފުޅު ޖޭއެސްސީއަށް ފޮނުއްވީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.
ޖޭއެސްސީން މިއަދު ބުނީ، ޑރ. އަޒްމިރާލްދާ އާއި ޝުޖޫން ސުޕްރީމް ކޯޓަށް އައްޔަންކުރަން އެ ކޮމިޝަން ރައީސުލްޖުމްހޫރިއްޔާއަށް ލަފާ އެރުވީ، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނުގައިވާ ގޮތުގެ މަތިން ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި އެކަމަށް ކުރިމަތިލި ލެއްވި ފަރާތްތަކާއި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ދެ ނަންފުޅު ދިރާސާކުރުމަށްފަހު ތައްޔާރުކުރި ރިޕޯޓަށް ރިޔާއަތް ކުުރުމަށްފަހު ކަމަށެވެ.
އެގޮތުން އެ ކޮމިޝަނުން މިއަދު ބޭއްވި ބައްދަލުވުމެއްގައި ނިންމި އެ ނިންމުން މިހާރު ރައީސަށް މަޝްވަރާ އަރުވާފައިވާ ކަމަށް ވެސް ޖޭއެސްސީން ބުންޏެވެ.
ޑރ. އަޒްމިރާލްދާ އާއި ޝުޖޫން އައްޔަން ކުރަން ޖޭއެސްސީން ރައީސްއަށް ލަފާއަރުވާފައިވާއިރު، ފަނޑިޔާރު ކަމަށް އަންހެނުން އައްޔަން ކުރުމުގެ މައްސަލާގައި ދީނީ ބައެއް އިލްމުވެރިންގެ މެދުގައި ވަނީ ހިޔާލު ތަފާތުވުންތަކެއް އުފެދިފައެވެ.