ސިޔާސީ

ވިސްނައިދޭން އުޅެވިއްޖެ ކަމަށް ވިދާޅުވެ ޝައިހް ޒައިދާއި އިޔާޒުގެ ބަހުސް ނިންމަވާލައްވައިފި

ފަތޯނާ ފާއިޒު

އަންހެން ފަނޑިޔާރަކު އައްޔަން ކުރަން އުޅޭ މައްސަލާގައި ރަނގަޅު ގޮތް ބުނެދީ، ވިސްނައިދޭން މަސައްކަތް ކުރެއްވިއްޖެ ކަމަށް ބުނެ ވިދާޅުވެ، ޝައިހް އަލީ ޒައިދާއި ޑރ. މުހައްމަދު އިޔާޒް ބަހުސް ނިންމާލައިފިއެވެ.

ޝައިހް ޒައިދާއި އިޔާޒު އެ ބަހުސް ނިންމާލެއްވީ ފަނޑިޔާރު ކަމަށް އަންހެނުން އައްޔަން ކުރުމަކީ އިސްލާމީ އިލްމުވެރިންގެ މެދުގައި ރައުޔު ތަފާތުވެ، ޚިލާފު އުފެދިފައިވާ މައްސަލައަކަށް ވުމުން އެކަމުގައި ކޮންމެ ރައުޔެއް އިހްތިޔާރުކުރި ނަމަވެސް ފާފަވެރި ނުވާނެ ކަމަށް އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުން ބުނެ މިއަދު ނެރުނު ނޫސް ބަޔާނަކަށްފަހުއެވެ.

އެ ނޫސް ބަޔާން ލިޔެފައިވާ ހަބަރެއް ރިޓުވިޓް ކުރައްވާ ޝައިހް ޒައިދު ވިދާޅުވީ އިލްމުވެރިންގެ ޒިންމާއަކީ ބުނެދީ ވިސްނައި ދިނުން ކަމަށެވެ. އަދި އެ ޒިންމާ އަދާ ކުރެވިއްޖެ ކަމަށާއި އެކަމަށް ރައްޔިތުން ހެކިވާނެ ކަމަށް ވިދާޅުވެފައިވެއެވެ.

ޝައިހް ޒައިދުގެ އެ ޓުވީޓަށް ޝައިހް ޑރ. މުހައްމަދު އިޔާޒު ވެސް ޖަވާބު ދެއްވިއެވެ. ވިދާޅުވީ، ހެއްކާއި ގަރީނާއާއެކު މައްސަލަ ބަޔާންކޮށް ދެއްވިއްޖެ ކަމަށާއި ނަސޭހަތް ވެސް ދެވިއްޖެ ކަމަށެވެ. ނަމަވެސް ނަސޭހަތް އަޑު ނާހާ، ނަސޭހަތް ދޭ މީހުންނަށް ބީރު ކަންފަތެއް ދިއްކުރާ މީހުންނަށް އަޑު އިއްވައިދޭނެ ގޮތެއް ނެތް ކަމަށް ވިދާޅުވިއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ދެ އަންހެން ބޭފުޅުން އައްޔަންކުރުމާމެދު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ލަފައަކަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެދިވަޑައިގަތުމުން، އެކަމާމެދު ރާއްޖޭގެ ގިނަ ދީނީ އިލްމުވެރިންގެ މެދުގައި ހިޔާލު ތަފާތުވުންތަކެއް ހުރުމުން އަދާލަތު ޕާޓީން ބަޔާނެއް ނެރުނީ އެ މައްސަލަ ދިރާސާކޮށް އަދި މިވަގުތު ދުނިޔޭގެ ބޮޑެތި އިސްލާމީ ގައުމުތަކުން މިކަމުގައި އާންމު ކޮށްފައިވާ ރަސްމީ އަދި އިލްމީ ބަހުސް ތަކާއި ފަތުވާތަކަށް ބެލުމަށްފަހުއެވެ.

އެގޮތުން އަންހެން ފަނޑިޔާރުން އައްޔަން ކުރުމުގެ މައްސަލައިގައި އިލްމުވެރިންގެ ތިން ރައުޔެއް އައިސްފައިވާކަން ބަޔާނުގައި ބުނެފައިވެއެވެ. އެގޮތުން އިސްލާމީ އުންމަތުގައި އެކި ޒަމާންތަކުގައި އުފެދިގެން އައި ބޮޑެތި ބޮޑެތި އިލްމުވެރިންނާއި އެއް ޖީލަށްފަހު އައި އަނެއް ޖީލެއްގެ އިލްމުވެރިންކުރެ މިއަދާ ހަމައަށް އައި ހުރިހާ ޖީލެއްގެ ޖުމްހޫރު އިލްމުވެރިންގެ ރައުޔަކީ ވެސް ގާޒީ ކަމަށް އަންހެނަކު އައްޔަނުކުރުން ހުއްދަ ނޫން ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

ނަމަވެސް އެ މައްސަލައަކީ މުޖުތަހިދު އިލްމުވެރިންގެ މެދުގައި އިހްތިލާފު އުފެދިފައިވާ މައްސަލައަކަށްވާއިރު، އެކަމުގައި ވަކި މީހަކު ދެކޭ ގޮތް އެއީ އެންމެ ރަނގަޅު ގޮތް ކަމަށްބުނެ، އެ ނޫން ގޮތަށް ދެކޭ މީހާއަކީ މަގުފުރެދިފައިވާ ނުވަތަ އިސްލާމީ ޝަރީއަތަށް ގޮންޖަހާ މީހެއް ކަމަށް ބުނެވޭނެ ޖާގައެއް ނެތް ކަމަށް އަދާލަތު ޕާޓީގެ ބަޔާނުގައި ބުންޏެވެ.

އަދި އިސްލާމީ ޝަރީއަތުގައި އިލްމުވެރިންގެ މެދުގައި ހިލާފު އުފެދިފައިވާ މައްސަލަތަކުގައި ހިޔާލު ތަފާތުވާ ހާލަތްތަކުގައި އަމަލުކުރުން އޮތްގޮތަކީ އަނެކާގެ ރައުޔަށް އިހްތިރާމް ކުރުމާއި އިހްލާސްތެރިކަމާއެކު ކީރިތި ޤުރުއާނާއި ސައްހަ ހަދީސާއި އިލްމުވެރިންގެ އިޖްތިމާ އާއި ދެންވެސް ހުރި ޝަރުއީ މަސްދަރުތަކުން ފެންނަން އެބަ އޮތް ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

އެހެންކަމުން އަދާލަތު ޕާޓީން ދެކޭގޮތުގައި، އިހްލާސްތެރިކަމާއެކު ހިލާފީ މައްސަލައެއްގައި ވަކި ރައުޔެއް އިހްތިޔާރުކުރާ މީހާ އޭނާއަށް އިހްތިޔާރުކުރެވުނީ އެކަމުގައި އޮތް ގޯސް ރައުޔުކަމުގައި ވީނަމަވެސް ފާފަވެރި ނުވާނެ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.