ޝަހީދާ އަބްދުﷲ ސައީދު
ތ. ވޭމަންޑޫގައި އުމުރުން ދުވަސްވީ މީހެއްގެ ބޯމައްޗަށް ގަހެއްގެ ގޮފި ގަނޑެއް ވެއްޓި، ހާލު ދެރަވެގެން އިތުރު ފަރުވާ ދިނުމަށް މާލެ ގެނެސްފިއެވެ.
އެމްއެންޑީއެފުން ބުނީ، ގަހެއްގެ ގޮފިގަނޑެއް ބޯމައްޗަށް ވެއްޓި، ވޭމަންޑޫ، އަތޮޅު ހޮސްޕިޓަލުގައި ފަރުވާދެމުން ދިޔަ ދުވަސްވީ ފިރިހެނަކު، ހާލުބޮޑުވެގެން، އިތުރު ފަރުވާއަށް އެމްއެންޑީއެފް ސެންޓްރަލް އޭރިއާގެ އެހީތެރިކަމާއެކު ހެލިކޮޕްޓަރުގައި މާލެ ގެނެސްފައިވާކަމަށެވެ. މިއަދު 3:50 ހާއިރު އޭނާ މާލެ ގެނެސް، އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށްވެސް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.
''ވަން އޮންލައިން'' އަށް މައުލުމާތު ދެއްވަމުން ވޭމަންޑޫ ކައުންސިލުގެ ރައީސް މުހައްމަދު ނަސީހު ވިދާޅުވީ، ބޮލުގައި ބަނބުކެޔޮ ގޮފިގަނޑަކުން ޖެހި، ހާލު ސީރިއަސްވެފައިވަނީ އެރަށު މިސްކިތެއްގެ މުދިމެއް ކަމަށްވާ، ގަދަގޭ އާދަމް ސައީދު ކަމަށެވެ. އަދި އޭނާއަކީ 50 އަހަރުން މަތީގެ މީހެއް ކަމަށް ނަސީހު ވިދާޅުވިއެވެ.
ނަސީހު ވިދާޅުވީ އެހާދިސާ ހިނގާފައިވަނީ އާދަމް ސައީދުގެ ދެމަފިރިން ބަލަހައްޓަމުން އަންނަ ގެއެއްގެ ގޯތި ތެރޭގައި ހުރި ބަނބުކެޔޮ ގަހަކުން ބަނބުކެޔޮ ކަނޑަން މިއަދު ހެނދުނު ދެމަފިރިން ގޮސް އުޅުމުގެ ތެރޭގައި ކަމަށެވެ.
ބަނބުކެޔޮ ކެނޑުމަށްފަަހު ގަސްދޮށުގައި އެލުވާފައިހުރި އުނދޯއްޔެއްގައި އިށީން ވަގުތު އުނދޯލި އެލުވާފައި ހުރި ގޮފިގަނޑު ބިންދައިގެން ގޮސް، އާދަމް ސައީދުގެ ބޮލުގައި ޖެހި، އެވަގުތު އޭނާ ހޭނެތުނު ކަމަށް ނަސީހު ވިދާޅުވިއެވެ. އަދި އެވަގުތު ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭންފެށި ކަމަށާއި ނަމަވެސް ވަރަށް ބޮޑަށް ބޯފެޅި ލޭ އަންނަމުންދާތީ ފަރުވާ ދިނުމަށްފަހު، ހެލިކޮޕްޓަރުގައި އާދަމް ސައީދު މާލެ ފުރުވާލީ މިއަދު 2:45 ގައި ކަމަށްވެސް ނަސީހު ވިދާޅުވިއެވެ.
''ވަން އޮންލައިން'' މައުލޫމާތު ދެއްވަމުން އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލު އިސްމާއީލް އަހުމަދު ވިދާޅުވީ ވޭމަންޑޫއިން ދާދި ދެންމެ އައިޖީއެމްއެޗަށް ގެނައި ހާލު ބޮޑު މީހަކަށް ފަރުވާ ދެމުން އަންނަ ކަމަށެވެ. އަދި ބޮލަށް ގެއްލުން ލިބިފައިވާތީ ސީޓީ ސްކޭނެއް ހަދަންޖެހޭނެ ކަމަށް ބެލެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.