ޝަހީދާ އަބްދުﷲ ސައީދު
ނޫސްވެރިކަމުގެ ހާއްސަ އިނާމަށް ކުރިމަތިލި ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ހުރިހާ ފަރާތަކަށް އިނާމު ދޭން ނިންމާފައިވާކަމަށް އެ ކައުންސިލުން ބުނެފިއެވެ.
މީޑިއާ ކައުންސިލުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ ކައުންސިލުގެ ނައިބު ރައީސް އަހުމަދު އާޒިފު ވިދާޅުވީ، މިއަހަރުގެ އިނާމަށް ޖުމްލަ 40 ފަރާތަކުން ކުރިމަތިލާފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން ޝަރުތު ހަމަވާ ހުރިހާ ފަރާތަކަށް މިއަހަރު އިނާމު ދިނުމަށް ނިންމާފައިވާ ކަމަށް އާޒިފު ވިދާޅުވިއެވެ.
ރާއްޖޭގެ ނޫސްވެރިކަމަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި މީޑިއާ ކައުންސިލުން ދޭން ފަށާފައިވާ ނޫސްވެރިކަމުގެ ހާއްސަ އިނާމަށް 29 ފަރާތަކުން ކުރިމަތިލާފައިވާ ކަމަށް ވެސް އާޒިފް ވިދާޅުވިއެވެ. ހާއްސަ އިނާމަކީ ނޫސްވެރިކަމުގެ ދާއިރާގައި ދިގު މުއްދަތަކަށް ހިދުމަތްކޮށްފައިވާ ފަރާތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން ދޭ އިނާމެއް ކަމަށް އާޒިފު ވިދާޅުވިއެވެ.
މިއަހަރު ހާއްސަ އިނާމުގެ ގޮތުގައި ރަން ގަލަން، އަލިމަސް ގަލަން، އަދި އަލިމަސް ޝަރަފުގެ ގަލަން ދޭނެ ކަމަށް ވެސް ވިދާޅުވިއެވެ.
ޕްރިންޓް އަދި އޮންލައިން ކެޓަގަރީން މި ފަހަރު 33 ހުށަހެޅުމެއް ލިބިފައި ވާއިރު، ބްރޯޑްކާސްޓިން ކެޓަގަރީން ލިބިފައި ވަނީ ހަތް ހުށަހެޅުމެވެ.
މިއަހަރު އެންމެ އުންމީދީ ނޫސްވެރިޔާގެ އެވޯޑަށް ފަސް ފަރާތަކުން ކުރިމަތިލާފައިވެއެވެ. އާޒިފު ވިދާޅުވީ، އެންމެ އުންމީދީ ނޫސްވެރިޔާގެ އިތުރުން އެވޯޑު ދިނުމަށް ނިންމާފައިވާ އެހެން ދާއިރާތަކަކީ، ސިޔާސީ ދާއިރާ، އިޖުތިމާއީ ދާއިރާ، ޝަރުއީ އަދި ގާނޫނީ ދާއިރާ، ވިޔަފާރި އާއި އިގްތިސޯދުގެ ދާއިރާ، ކުޅިވަރުގެ ދާއިރާ، ފޮޓޯގްރަފީ ދާއިރާއާއި ވީޑިއޯގްރަފީ ދާއިރާގެ އިތުރުން ފީޗާ ދާއިރާ ކަމަށެވެ.
އެވޯޑް ދިނުމަށް ބާއްވާ ރަސްމިއްޔާތު އޮންނާނީ އަންނަ މަހުގެ 15 ވަނަ ދުވަހުގެރޭ ދަރުބާރުގޭގައި ކަމަށް ވެސް އާޒިފު ވިދާޅުވިއެވެ.
ބްރޯޑްކާސްޓިން ކެޓަގަރީން ލިބުނު ހުށަހެޅުންތަކުގެ އަދަދު މަދުކަން ފާހަގަ ކުރައްވައި އާޒިފް ވިދާޅުވީ، އަންނަ އަހަރު އެ އަދަދު އިތުރުވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށާއި ރާއްޖޭގައި މަސައްކަތް ކުރާ ކޮންމެ ނޫސްވެރިއަކަށް ވެސް އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.