ތައިލެންޑް އަދި ސްރީލަންކާއަށް ކުރައްވާ ރަސްމީ ދަތުރެއްގައި ޗީފް އޮފް ޑިފެންްސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް މިއަދު ހެނދުނު ފުރާވަޑައިގަންނަވައިފިއެވެ.
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ޗީފް އޮފް ޑިފެންސް ފޯސްއަށް އަލްވަދާއު ވިދާޅުވީ މެރިންކޯގެ ކޮމަޑާންޓް، ބްރިގޭޑިއަރ ޖެނެރަލް ވައިސް ވަހީދާއި، ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުގެ ޑައިރެކްޓަރ ޖެނެރަލް، ބްރިގޭޑިއަރ ޖެނެރަލް ޒަކަރިއްޔާ މަންސޫރު އަދި ޑައިރެކްޓްރޭޓް އޮފް އެޑްމިނިސްޓްރޭޝަން އެންޑް ޕަރސަނަލް ސަރވިސަސް (ޖޭ1) ގެ ޕްރިންސިޕަލް ޑައިރެކްޓަރ، ކާނަލް ހުސައިން އަލީއެވެ.
މިދަތުރުގައި ޗީފް އޮފް ޑިފެންސް ފޯސް، ފުރަތަމަ ވަޑައިގަންނަވަނީ މިމަހު 26 އިން 28 އަށް ތައިލެންޑުގައި ކުރައަށްގެންދިއުމަށް ހަމަޖައްސާފައިވާ "ދަ އެނުއަލް ޗީފް އޮފް ޑިފެންސް ކޮންފަރެންސް" ގައި ބައިވެރިވެވަޑައިގަތުމަށް ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.
އަދި މިމަހުގެ 29 އިން 30 އަށް ސްރީލަންކާގެ ކޮލަމްބޯގައި ކުރިއަށްގެންދިއުމަށް ހަމަޖައްސާފައިވާ "ދަ ކޮލޮމްބޯ ޑިފެންސް ސެމިނަރ" ގައި ޗީފް އޮފް ޑިފެންްސް ފޯސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށްވެސް އެމްއެންޑިއެފުން މައުލޫމާތުދެއެވެ.
މި ދަތުރު ނިންމަވާލެއްވުމަށްފަހު ޗީފް އޮފް ޑިފެންސް ފޯސް ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިމަހު 31 ވަނަ ދުވަހުއެވެ.