ދުނިޔެ

ބަހްރެއިންގެ އިދިކޮޅު ލީޑަރު އުމުރުދުވަހަށް ޖަލަށްލާން ހުކުމްކޮށްފި

މުހައްމަދު އައުޒަމް

ޖާސޫސް ކުރުމުގެ ކުށް ސާބިތުވެ ބަހްރެއިންގެ އިދިކޮޅު ލީޑަރު ޝެއިހް އަލީ ސަލްމާން އުމުރު ދުވަހަށް ޖަލަށްލާން ހުކުމް ކޮށްފިއެވެ.

ޝެއިހް އަލީ ސަލްމާންއަށް އުމުރުދުވަހުގެ ޖަލު ހުކުމް ކޮށްފައި ވަނީ ބަހްރެއިންގެ ސިއްރު މައުލޫމާތުތަކެއް ގަތަރަށް ދިނުމުގެ ކުށް ސާބިތުވެފައިވާތީއެވެ. ބަހްރެއިން އިންވަނީ ގަތަރާ އެކު އޮންނަ ސިޔާސީ ގުޅުން 2017 ވަނަ އަހަރު ކަނޑާލައިފަ އެވެ.

ޝެއިހް އަލީ ސަލްމާން އިސްކޮށް ހުންނަވައި ބަހްރެއިންގެ އިދިކޮޅު އިސް ލީޑަރުންނާއި ގުޅިގެން ބަހްރެއިންގެ ސަރުކާރާއި ދެކޮޅަށް ހިންގި "އަލް ވަފަގް" ހަރަކާތުގައި ބައިވެރިވި އިދިކޮޅު އިސް ދެ ލީޑަރުން ވެސް ވަނީ އުމުރުދުވަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފައެވެ.

ބަހްރެއިންގެ ޕްރޮސިކިއުޓަރުން ބުނެފައިވަނީ އެ ތިން ބޭފުޅުންނަށް ޖަލު ހުކުމް އައިސްފައި ވަނީ ގައުމުގެ އަމަން ނަގާލުމުގެ ކުށާއި ސިއްރުން ގަތަރުގެ އޮފިޝަލުންތަކަކާ މައުލޫމާތު ބަދަލުކޮށް ޖާސޫސު ކުރިކަމުގެ ކުށް ސާބިތުވުމާ ގުޅިގެން ކަމަށެވެ.