ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ސަރުކާރުގެ ބޭފުޅުން ވިދާޅުވަނީ ގާނޫނު އަސާސީގެ ބައެއް މާއްދާ ކަމަށް އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ތަރުޖަމާނު އަދި މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް ގާސިމް އިބްރާހީމްގެ ޝަރުތު ހަމަވޭތޯ ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އަދި ކުރީގެ އެޓާނީ ޖެނެރަލް އާޒިމާ ޝުކޫރު ސުވާލު އުފައްދަވާފައިވުމުން އެކަމަށް ރައްދު ދެއްވަމުން މާރިޔާ ވިދާޅުވީ އެބޭފުޅުން ވިދާޅުވަނީ ގާނޫނު އަސާސީގެ ބައެއް މާއްދާ ކަމަށާއި އެ މާއްދާއަކުން އެބޭފުޅުންނަށް ފެނިވަޑައިގަންނަވާ ގޮތަކަށް މާނަކުރައްވާ ކަމަށެވެ.
"ރައީސް ޔާމީންގެ ސަރުކާރުގެ ބޭފުޅުން ގާނޫނު އަސާސީ ވިދާޅުވަނީ ބައެއް މާއްދާ. ނުވަތަ މާއްދާއިން އެބޭފުޅުންނަށް ފެނިވަޑައިގަންނަވާ ގޮތަކަށް. އެބޭފުޅުން ދުވަހަކުވެސް ގާނޫނުގެ ތެރެއިން ވިސްނައިވަޑައިގަންނަވަން ޖެހިފައި އޮތް ކަމަށް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ. އެބޭފުޅުން ވަކާލާތު ކުރައްވައިގެން އެބޭފުޅުން ވަކި ގޮތަކަށް އޮތް ކަމަށް ވިދާޅުވެ، އެބޭފުޅުން ކުރެއްވި ކިތަންމެ ކަމެއް މިއަދު މިފެންނަނީ އެނޫން ގޮތަކަށް އެކަންތައް ބަދަލުވަމުންދާތަން،" ވީޓީވީ ފަސްމަންޒަރު ޕްރޮގްރާމްގައި ރޭ ވާހަކަދައްކަވަމުން މާރިޔާ ވިދާޅުވިއެވެ.
މާރިޔާ ވިދާޅުވީ އެހެންވީމާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މަޖިލީހުގެ ރައީސަކަށް ނުވަތަ ނައިބު ރައީސަކަށް އިންތިހާބުކުރައްވާ ބޭފުޅަކަށް އެ މަގާމުގައި ހުރެވޭނެ ކަމަށާއި ގާނޫނު އަސާސީއަށް އިސްލާހު ގެނައީ ވެސް އެކަންކަމަށް ވިސްނުމަށްފަހު ކަމަށެވެ.
"ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގައި މި އިންނަވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމަށް ޝަރުތު ހަމަވާ ބޭފުޅެއް. އެހެންވީމާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ތެރެއިން އިންތިހާބުކުރާ ބޭފުޅެއް ރައްޔިތުންގެ މަޖިލީހުގެ ރައީސަކީ. އެހެންވީމާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ޝަރުތުތައް ހުރިއްޔާ، މެމްބަރުންގެ ތެރެއިން ކޮންމެ މެމްބަރަކު އިންތިހާބުކުރުމުގެ ހައްގު އަޅުގަނޑުމެން ހުރިހާ މެމްބަރުންނަށް ވެސް ލިބިގެންވޭ،" އޭނާ ވިދާޅުވިއެވެ.
މާރިޔާ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާއާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބަށް ރައީސުލްޖުމްހޫރިއްޔާގެ ވާޖިބުތައް އަދާކުރެއްވުމަށް ހުރަސްއެޅޭ ފަދަ ހާލަތެއް ކުރިމަތިވެގެން ނުވަތަ މަގާމުން އިސްތިއުފާ ނުވަތަ މަގާމުން ދުރުކުރުމުގެ ސަބަބުން ނުވަތަ އަވަހާރަވެގެން ނުވަތަ ދެ މަގާމު އެއްފަހަރާ ހުސްވެއްޖެ ނަމަ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަމުގެ މަގާމަށް އަލުން ބޭފުޅަކު އިންތިހާބު ކުރެވެންދެން ދެ މަގާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް ވަގުތީގޮތުން އަދާކުރައްވާނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ގާނޫނު އަސާސީގައި ބަޔާންކޮށްފައި އޮންނަ ކަމަށެވެ.
"ރައްޔިތުންގެ މަޖިލީހުގެ ރައީސް އެކަމާ ހަވާލުވެވެން ނެތް ނަމަ، އެކަމާ ހަވާލުވާނީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސޭ. ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސަށް އެކަމާ ހަވާލުވެވެން ނެތް ނަމަ، އެކަމާ ހަވާލުވާނީ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގަރާރަކުން ހޮވާ އެ މަޖިލީހުގެ މެމްބަރެކޭ. އެހެންވީމާ ހަވާލުވެވެން ނެތް ހާލަތެއް އައިސްފިއްޔާ އެގޮތަށް ހަވާލުވެވޭނެ މީހަކަށް ހަވާލުކުރެވޭ ގޮތަށް. އަޅުގަނޑުމެން އެހާ ފުޅާ ދާއިރާއެއްގައި ބަހުސްކޮށް، ވިސްނައި ލިޔެފަ އޮތް އެއްޗެއް އެއީ،" އޭނާ ވިދާޅުވިއެވެ.