މާލެ ހުޅުމާލެ ލިންކުރޯޑުގެ މަގުދެބައިބައި ކޮންކްރީޓް ބޮޑު ގާ ޖަހަން ފަށައިފިއެވެ.
''ވަން އޮންލައިން'' އަށް މައުލޫމާތު ދެއްވަމުން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސުހައިލު މިއަދު ވިދާޅުވީ އެކްސިޑެންޓްތައް ގިނަވެ، ހައިވޭއަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާތީ، ކޮންކްރީޓް ބޮޑުގާ ޖެހުމުގެ މަސައްކަތް މިއަދު ފަށާފައިވާ ކަމަށެވެ.
އެމަސައްކަތް ކުރަމުން އަންނަނީ ބުރިޖުގެ މަސައްކަތް ކުރަމުން އަންނަ ޗައިނާގެ ކޮންޓެކްޓަރުން ކަމަށް ސުހައިލު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެމަސައްކަތް ނިންމާލެވޭނެ ވަކި ތާރީހެއް އަދި ދަންނަވަން ދަތި ކަމަށެވެ.
"އަޅުގަނޑުމެން ފުލުހުންނާ މަޝްވަރާ ކުރުމަށްފަހު މިދިޔަ މަހު ނިންމީ މާލެ ހުޅުމާލެ ލިންކުރޯޑުގައި ހުރި މަގުދެބައިތައް ކޮންކްރީޓަށް ބަދަލު ކުރުމަށް. މިއަދު މިވަނީ ކޮންކްރީޓް ބޮޑުގާ ޖަހަން ފަށާފައި. އަދި މަސައްކަތް ނިމޭނެ ވަކި ދުވަހެއް ބުނާކަށް ނޭނގޭ. ކޮންމެ އެކްސިޑެންޓެއްގައި ހައިވޭއަށް ބޮޑެތި ގެއްލުންތައް ލިބޭ. މިހާރު ފުލުހުންގެ އެދުމާއެކު ގެއްލުމުގެ ބަދަލު ހޯދަން ދައުވާކުރަން ނިންމާފައި އޮތީ. އެކްސިޑެންޓްތައް ހިނގާފައިވާ މީހުންގެ މައުލޫމާތުތައް ފުލުހުން މެދުވެރިކޮށް ބަލަމުން މިދަނީ.'' ސުހައިލު ވިދާޅުވިއެވެ.
ބުރިޖާއި ހައިވޭގައި ހިނގާ އެކްސިޑެންޓްތައް އެއްދުވަހުން އަނެއް ދުވަހަށް ގިނަވެ، ހައިވޭއަށް ގެއްލުން ލިބުނު މައްސަލައިގައި ބަދަލު ހޯދަން ދައުވާކުރަން ވެސް ނިންމާފައިވާކަމަށް ސުހައިލު ވިދާޅުވިއެވެ.
ސުހައިލް އިތުރަށް ވިދާޅުވީ މިހާރު ވެސް ލިންކް ރޯޑުގެ އެކި ތަންތަނަށް ބޮޑެތި ގެއްލުންތައް ލިބިފައިވާއިރު ލިބުނު ގެއްލުންތަކުގެ ބަދަލު އިހުމާލުވެފައިވާ ފަރާތްތަކުން ހޯދުމަށް އެދިފައިވާކަމަށެވެ.