ރައްޔިތުންގެ މަޖިލީހުގެ މެންބަރު ހަސަން ލަތީފް

ކައުންސިލު އިންތިހާބުގެ ކުރިން ލާމަރުކަޒީ ގާނޫނު އިސްލާހުކުރާނަން: ހަސަން ލަތިފު

ކައުންސިލު އިންތިހާބުގެ ކުރިން ލާމަރުކަޒީ ނިޒާމަށް ގެންނަންޖެހޭ އިސްލާހުތައް ގެނެސް ގާނޫނު ފާސްކުރާނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ވިދާޅުވެއްޖެއެވެ.

އެމްޑީޕީން އިންތިޒާމުކޮށްގެން ކުރިއަށް ގެންދިޔަ ކައުންސިލަރުންގެ ކޮންފެރެންސް ނިންމާލުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ހަސަން ލަތީފު ވިދާޅުވީ، އެމްޑީޕީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ވިސްނުންފުޅުގައި އޮތީ ކުރިޔަށް އޮތް ދެހަފުތާ ތެރޭގައި ލާމަރުކަޒީ ގާނޫނަށް ބޭނުންވާ އިސްލާހުތައް މަޖިލީހުގެ ކޮމިޓީއަށް ފޮނުވައި ބިލުގެ މަސައްކަތް ނިންމުން ކަމަށެވެ.

އަދި މި އަހަރުގެ ތެރޭގައި އެ ބިލަށް ބޭނުންވާ އިސްލާހުތައް ގެނެސް ގާނޫނު ބަދަލު ކުރެވޭނެ ކަމަށާއި، އެ މަސައްކަތް ބާރު މިނުގައި ކުރަމުން ގެންދާނެ ކަމަށެވެ.

ހަސަން ލަތީފު ވިދާޅުވި ގޮތުގައި ލާމަރުކަޒީ ގާނޫނާއި ތައާރަޒުވާ ގާނޫނުތަކާއި އެ ގާނޫނުތަކުގެ މާއްދާތައް ދެނެގަތުމުގެ ސާވޭއެއް ކުރެވިގެންދާނެ އެވެ.

އަދި ކައުންސިލަރުންގެ ކޮންފަރެންސްގެ ޒަރީއާއިން ވަޒީރުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ކައުންސިލަތަކަށް ނިސްބަތްވާ ދާއިރާތަކުގެ ކަންކަމާމެދު ވާހަކަ ދައްކައި މައުލޫމާތު ސާފު ކުރުމުގެ ފުރުސަތު ދީފައިވާ ކަމަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ކޮންފަރެންސްގައި ގައުމީ ތަރައްގީގެ ޕްލޭންގެ މައުލޫމާތު ކައުންސިލަރުންނާއި ހިއްސާކޮށްފައިވާ ކަމަށާއި އެކަމާމެދު ކައުންސިލަރުންގެ ވިސްނުން ހޯދާފައިވާ ކަމަށާއި ކައުންސިލަރުންނާއި އެކު ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހަޅާ ބިލާމެދު ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައިވާކަމަށް ވެސް ވިދާޅުވިއެވެ.