ސިޔާސީ

އަންހެން ފަނޑިޔާރުންގެ މައްސަލާގައި އިޔާޒުގެ ނަސޭހަތެއް ރައީސް މައުމޫނަށް

ފަތޯނާ ފާއިޒު

އަންހެނުން ފަނޑިޔާރުކަން ކުރުމަކީ ހުއްދަ ކަމެއް ކަމަށް ކުރީގެ ބައެއް އިލްމުވެރިންނާއި މިހާރުގެ ބައެއް އިލްމުވެރިން ވިދާޅުވެފައިވާ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވުމުން އެމަނިކުފާނަށް ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒު ނަސޭހަތަކާއެކު ހޫނު ރައްދެއް ދެއްވައިފިއެވެ.

ޑރ. އިޔާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ތިމާއަށް ބާރު ލިބިފައި އޮތް ދުވަސްވަރު ނުބައިކޮށް ކަމެއް ކުރެވިފައި އޮތުމަކީ އެކަންތައް ދަމަހައްޓަން މަސައްކަތް ކުރަންވީ ސަބަބެއް ނޫން ކަމަށެވެ.

"ދެންވެސް އުމުރުގެ ބާކީ އޮތް ދުވަސް ކޮޅުގައި އެފަދަ ނުބައި ނުހައްދަވާ ތައުބާވެ އިސްލާހުވޭތޯ ބަލަންވީ،" މައުމޫނަށް ރައްދު ކުރައްވާ ޑރ. އިޔާޒު ކުރެއްވި ޓުވީޓްގައި ވިދާޅުވެފައިވެއެވެ.

އިޔާޒުގެ ޓުވީޓަށް ރިޕްލައި ކުރައްވާ ދީނީ އިލްމުވެރިޔާ އަލީ ޒައިދު ވެސް ވިދާޅުވީ، މުންކަރާތެއް ފެށިފައި އޮތުމަކީ އެކަން ދަމަހައްޓަން އޮތް ހުއްޖަތެއް ނޫން ކަމަށެވެ. އަދި މިދިޔަ 14 ގަރުނުގެ ތެރޭގައި އެތައް ލައްކަ ބޮޑެތި އިލްމުވެރިންގެ ބަސްފުޅުތައް ދެތިން ބޭފުޅެއްގެ ނާދިރު ރައުޔަށް މުގުރާލުމަކީ އަޖައިބު ވާންޖެހޭ ކަމެއް ކަމަށް ވިދާޅުވެފައިވެއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވުމަށް ޖުޑީޝަލް ސާރވިސަސް ކޮމިޝަން (ޖޭއެސްސީ)ގެ ލަފައަކަށް އެދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ފޮނުއްވި، ޑރ. އަޒްމިރަލްޑާ ޒާހިރު އާއި އަލްއުސްތާޒާ އައިޝާ ޝުޖޫން މުހައްމަދުގެ ނަންފުޅާއެކު ރާއްޖޭގެ ބައެއް ދީނީ އިލްމުވެރިން ގެންދަވަނީ އެކަމަކީ އިސްލާމީ އުސޫލުތަކާ ހިލާފު ކަމެއް ކަމަށް ވިދާޅުވަމުންނެވެ.

ނަމަވެސް ރައީސް މައުމޫން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އަންހެނުން ފަނޑިޔާރުކަން ކުރުމަކީ އިސްލާމް ދީނުގައި ހުއްދަ ކަމެއް ކަމަށް ކުރީގެ އިލްމުވެރިންގެ ތެރެއިން އަލް ތަބަރީ، އިބްނު ހަޒަމް އަދި ހަސަނުލް ބަސްރީ ފަދަ ބޭފުޅުން ވިދާޅުވެފައިވާ ކަމަށެވެ. އަދި މިހާރުގެ މަޝްހޫރު އިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޔޫސުފް އަލްގަރަދާވީ އާއި އަބްދުލްކަރީމް ޒައިދަން އާއި ސައީދު ރަމަޟާން ފަދަ ބޭފުޅުން ވެސް އެގޮތަށް އިއްތިފާގު ވެލައްވާ ކަމަށް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

މައުމޫނަށް ރައްދު ދެއްވައި، ޑރ. އިޔާޒު ކުރެއްވި ޓްވީޓް