ސްރީ ލަންކާއަށް މިދިޔަ އޭޕްރިލް މަހުގެ ފަހުކޮޅު ދިން ބޮމުގެ ހަމަލާތަކާ ގުޅިގެން އެގަައުމުގައި އިއުލާންކުރި ކުއްލި ނުރައްކަލުގެ ހާލަތު ހަތަރު މަހަށްފަހު އުވާލައިފިއެވެ.
ލަންކާގެ ބައެއް ފައްޅިތަކަށާއި މަޝްހޫރު ބައެއް ޓޫރިސްޓް ހޮޓާތައް ހިމެނޭގޮތަށް އެގައުމުގެ އެކި ތަންތަނަށް ދިން ބޮމުގެ ހަމަލާތަކާ ގުޅިގެން އެގައުމުގެ ރައީސް މައިތިރިޕަލާ ސިރިސޭނާ ވަނީ ކުއްލި ހާލަތުގެ މުއްދަތު މިދިޔަ އޭޕްރީލް މަހުގެ 21 ވަނަ ދުވަހުން ފެށިގެން ކޮންމެ މަހެއްގެ 22 ވަނަ ދުވަހު މަހެއްހާ ދުވަހަށް އިތުރު ކުރައްވަމުން ގެންގޮސްފައެވެ.
ނަމަވެސް ލަންކާގެ ރައީސް އޮފީހުން ކުއްލި ހާލަތުގެ މުއްދަތު އިއްޔެ އިތުރުކޮށްފައިނުވާތީ އެގައުމުގައި އިއުލާންކުރި ކުއްލި ހާލަތުގެ މުއްދަތު ވަނީ އުވިފައެވެ.
ލަންކާގައި އިއުލާންކުރި ކުއްލި ނުރައްކަލުގެ ހާލަތު އުވާލިއިރު، އެގައުމުގެ ޓޫރިޒަމް މިނިސްޓަރު ޖޯން އަމަރަތުންގާ ވަނީ، ލަންކާގެ އާންމު ހާލަތު ރަނގަޅުވެ އެގައުމުގައި އިއުލާންކުރި ކުއްލި ނުރައްކަލުގެ ހާލަތުގެ ނިމިފައިވާކަން ފަތުރުވެރިންނަށް އެންގުމަށް ރައީސް ސިރިސޭނާގެ އަރިހުން އެދިވަޑައިގެންފައެވެ.
އަމިއްލަ އަށް މަރުވެގެން ސްރީ ލަންކާގައި މިދިޔަ އެޕްރީލް 21 ވަނަ ދުވަހު ހަމަލާ ދީފައިވަނީ ނުވަ މީހެކެވެ. ހަމަލާތަކުގައި 258 މީހުން މަރުވިއިރު އޭގެ ތެރޭގައި 40 ބިދޭސީއަކު ވެސް ހިމެނެއެވެ.
އެ ހަމަލާގެ ޒިންމާ އިސްލާމިކް ސްޓޭޓް (އައިއެސް) އިން އުފުލި ނަމަވެސް، ލަންކާގެ ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓް (ސީއައިޑީ) ގެ ވެރިޔާ ރަވީ ސެނަވިރަތުނަ ވަނީ ބޮމުގެ ހަމަލާތަކާ އައިއެސްއާ ގުޅުމެއް ނެތް ކަމަށް ވިދާޅުވެފައެވެ. އަދި އެ ބޮމުގެ ހަމަލާ ދިނީ ލަންކާގެ ނޭޝަނަލް ތައުހީދު ޖަމާއަތް (އެންޓީޖޭ)ގެ މެންބަރުން ކަމަށް އޭނާ ވިދާޅުވިއެވެ.