ދުނިޔެ

އެމޭޒަންގެ އަލިފާންގަނޑަކީ ބައިނަލްއަގުވާމީ ކާރިސާއެއް: މެކްރޯން

އާނިފާ ހުސެއިން ސިރާޖް

މިވަގުތު ދުނިޔޭގައި އޮތް އެންމެ ބިޔަ އަދި ގުދުރަތީ ދިރުންތަކުގެ މުއްސަނދިކަން ލިބިފައިވާ ބްރެޒިލްގެ އެމޭޒަން ރެއިން ފޮރެސްޓްގެ އެކި ހިސާބުތަކުގައި ރެކޯޑް މިންވަރަކަށް ރޯވަމުންދާ އަލިފާންގަނޑުތަކުގެ ކާރިސާއަކީ ބައިނަލްއަގުވާމީ ފެންވަރުގެ ކާރިސާއެއް ކަމަށް ފަރަންސޭސިވިލާތުގެ ރައީސް އިމެނުއަލް މެކްރޯން ވިދާޅުވެއްޖެއެވެ.

އިގުތިސޯދީ ގޮތުން އެންމެ ކުރިއަރާފައިވާ ހަތް ގައުމު (ޖީ-7)ގެ ސަމިޓް ފެއްޓެވުމުގެ ކުރިން ކުރެއްވި ޓްވީޓެއްގައި މެކްރޯން ވިދާޅުވީ އެ އަނދަމުންދަނީ އަމިއްލަ ގެދޮރު ކަމަށާއި އެމޭޒަން ރެއިން ފޮރެސްޓްއަކީ ދުނިޔޭގެ %20 އޮކްސިޖަން އުފައްދާ ދުނިޔޭގެ "ލަންގްސް" ކަމުގައެވެ.

އެގޮތުން ޖީ-7ގެ ސަމިޓްގެ އެޖެންޑާގައި އެމޭޒަން ޖަންގަލީގައި ރޯވުމުގެ ކާރިސާ ހިމަނައި، އެކަމާ މަޝްވަރާ ކުރަންޖެހޭ ކަމަށް މެކްރޯން ވަނީ ވިދާޅުވެފައެވެ.

އެމޭޒަންގައި ހިފާފައިވާ މި އަލިފާންގަނޑު ރޯވަމުންދާތާ ގިނަދުވަސްތަކެއްވެފައިވާ އިރު، އެންވަޔަރަމެންޓަލިސްޓުން ބުނަނީ މިއީ ފޫ ނުބެއްދޭނެ ވަރުގެ ބޮޑު ގެއްލުމެއް ކަމަށާއި މިކަމުގެ ފުރިހަމަ ޒިންމާ އިންސާނުން ނަގަން ޖެހޭ ކަމަށެވެ.

މިއީ ހޫނު މޫސުމުގެ ސަބަބުން ހޫނުވުމުން ރޯވެފައިވާ އަލިފާންގަނޑެއް ކަމަށް ބްރެޒިލްގެ ތިމާވެއްޓާ ބެހޭ ވަޒީރު ރިކާޑޯ ސެލްސް މިދިޔަ ބުދަ ދުވަހު ވިދާޅުވެފައިވާ އިރު، އެމޭޒަން ޖަންގަލީގައި ރޯވަމުންދާ އަލިފާންގަނޑުތަކުގެ ޒިންމާ ތިމާވެށި ހިމާޔަތްކުރާ ފަރާތްތަކުން އަޅުވަނީ ބޮލްސޮނާރޯގެ ސަރުކާރުގައެވެ. ސަބަބަކީ އެ ސަރުކާރުން ޖަންގަލިތަކުން ދަނޑުވެރިކަމަށް ބިން ސާފުކުރުމަށް ހިތްވަރުދީ ޖަންގަލިތަކުގައި ހުޅުޖެހުމަށް މަޝްހޫރުވެފައިވާ ސަރުކާރަކަށް ވާތީއެވެ.

ބްރެޒިލްގެ ސްޕޭސް ރިސާޗް ސެންޓަރު، އައިއެންޕީއީ އިން ބުނީ މިއަހަރު ބްރެޒިލް ގައި ރޯވި އަލިފާން މިދިޔަ އަހަރާ އަޅާބަލާއިރު %80 ބޮޑުކަމުގައެވެ. އަދި %99 އަލިފާނަކީ އިންސާނުންގެ ސަބަބުން ރޯވެފައިވާ އަލިފާން ކަމަށްވެސް އައިއެންޕީއީ އިން ބުނެފައިވެއެވެ.