ފާއިތުވި ދުވަސްތަކުގައި ބަތަލާ ޕްރިޔަންކާ ޗޯޕްރާ އަށް ވަނީ އިންޑިއާއިން ޕާކިސްތާނަށް ދިން ހަމަލާތަކަކަށް ތާއީދުކޮށް ކޮށްފައިވާ ޓުވީޓަކާއި ގުޅުގެން ގިނަ ފާޑުކިޔުންތަކެއް އަމާޒުވެފައެވެ. މީގެ އިތުރުން އޭނާއަށް ޔުނިސެފުން ދީފައިވާ ގުޑްވިލް އެމްބެސެޑަރުކަން ނެގުމަށް މީސްމީޑިއާގައި ދަނީ އޮންލައިން ޕެޓިޝަންތައްވެސް ހުށަހަޅަމުންނެވެ.
އެކަމާގުޅިގެން ޔޫއެންގެ ތަރުޖަމާނު އިއްޔެ ދިން އިންޓަވިއެއްގައި ބުނީ ޔުނިސެފްގެ ގުޑްވިލް އެމްބެސަޑަރުންނަށް އަމިއްލަ ގޮތުން ބޭނުން ހިޔާލެއް ފާޅު ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. އަދި އެމީހުން އަމިއްލަ ގޮތުން ފާޅުކުރާ ހިޔާލަކީ ޔުނިސެފްގެ ހިޔާލު ނޫންކަމަށާއި ނަމަވެސް ޔޫއެންއާ ގުޅުން ހުރި ކަންކަމުގައި އެމްބެސަޑަރުންނަށް ހިޔާލު ފާޅު ނުކުރެވޭނެ ކަމަށް އޭނާ ބުންޏެވެ.
ތަރުޖަމާނު އިތުރަށް ބުނީ އެމްބެސަޑަރުންނަށް ހޮވާފައި ވަނީ ހެޔޮހިތުން އެމީހުންގެ ވަގުތާއި ޕްރޮފައިލް ކުޑަކުދިންގެ ހައްގުގައި މަސައްކަތް ކުރުމާއި އެކަން ޕްރޮމޯޓްކުރަން ވޮލަންޓިއާ ކުރާ ތަރީންކަމަށެވެ.
ޕްރިޔަންކާއަށް ފާޑުކިޔުން އަމާޒުވެފައިވަނީ ފެބްރުއަރީ 26 ވަނަ ދުވަހު "ޖެއި ހިންދް އިންޑިއަން އާމްޑް ފޯސް" ޖެހި ސްޓޭޓަސްއެއް ޖެހުމުގެ ސަބަބުންނެވެ.
އެކަމާގުޅިގެން މީސްމީޑިއާގައި ބޮޑެތި ފާޑުކިޔުންތައް އަމާޒުވެފައިވާއިރު ޕާކިސްތާނުގެ ހިއުމަން ރައިޓްސް މިނިސްޓަރުވެސް ވަނީ ޔުނިސެފަށް ޕްރިޔަންކާއަށް ދީފައިވާ ލަގަބު އަތުލުމަށް އެދި ސިޓީ ހުށަހަޅާފައެވެ. އެ ސިޓީގައި ވަނީ ނިއުކްލިއާ ހަނގުރާމައަށް ޕްރިޔަންކާ ހިތްވަރުދީފައިކަމަށް ބަޔާންކޮށްފައެވެ.