ސަރުކާރުން އުޅެނީ ދަރުމަވަމަންތަ ހޮސްޕިޓަލު ހުޅުވަން ނުކެރިގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަން ނިމުނުއިރު 25 ބުރިއަށް ހެދި ދަރުމަވަންތަ ހޮސްޕިޓަލުގެ މައިގަނޑު ގިނަ މަސައްކަތްތަކެއް ހުރީ ނިމިފައެވެ. ސިންގަޕޫރުގެ ޝެންހުއާ ކުންފުނިންޏާ ހަވާލުކޮށްގެން ކުރިއަށްދިޔަ އެ މަޝްރޫއަށް 143 މިލިއަން ޑޮލަރު ހަރަދުވިއެވެ.
އެ ހޮސްޕިޓަލަށް ވަދެ ނުކުންނަ އުޅަނދުތަކަށް ހާއްސަ މަގެއް މިދިޔަ މަހުގެ ފަހުކޮޅު ހުޅުވިއިރު، އެ ހޮސްޕިޓަލުގެ ބޭނުން އަންނަނީ ކުރަމުންނެވެ. ނަަމަވެސް ރަސްމީކޮށް އަދި އެތަން ހުޅުވައިފައެއް ނުވެއެވެ.
ޕްރޮގްރެސިވް ކޮންގުރެސް ކޯލިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ސައީދު ވިދާޅުވީ ދަރުމަވަންތަ ހޮސްޕިޓަލުގެ ފުރިހަމަ ކަމުން، މި ސަރުކާރުން އެތަން ހުޅުވަން ނުކެރިގެން އުޅުމަކީ ލަދުވެތި ކަމެއް ކަމަށެވެ.
"ދިވެހި ރައްޔިތުންގެ ތަކެތި މި ހުންނަނީ. ސުވާލު މި އުފައްދަނީ މިކަންކަން ކުރީ ރަނގަޅު އަގުގަތޯ، ބޮޑުކޮށްތޯ، ގޯސްކޮށްތޯ. މިއީ ޑިބޭޓް ކުރެވިދާނެ ކަންކަން" ސައީދު ވިދާޅުވިއެވެ.
ސައީދު ވިދާޅުވީ، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ބޮޑެތި މަޝްރޫއުތައް ހިންގީ އެންމެ ގާބިލު ކުންފުނިތަކާ ހަވާލު ކޮށްގެން ކަމަށާއި އެ މަޝްރޫއު ތަކާމެދު ސުވާލު އުފައްދާނެ ޖާގައެއް ނެތް ކަމަށެވެ.