ސިޔާސީ

ސިރާޖު ހަ ދުވަހު ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފި

ތުހުމަތެއްގައި ރޭ ހައްޔަރުކުރި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އަބްދުލްގަފޫރުގެ ގާނޫނީ ވަކީލު މޫސާ ސިރާޖް އިތުރު ހަ ދުވަހު ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފިއެވެ.

ފުލުހުން ރޭ ސިރާޖު ހައްޔަރުކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ޖިނާއީ ކުށެއް ކުރި ކަމަށް ތުހުމަތުކުރެވޭ ގޮތަށް އަދީބާ ހަވާލާދީ ވާހަކަތަކެއް ފަތުރަމުންދާ ކަމުގެ ތުހުމަތުގައެވެ. މިއަދުގެ ވަގުތެއްގައި އޭނާ ދިރިއުޅޭ އެޕާޓްމަންޓުވެސް ފުލުހުން ވަނީ ބަލާފާސްކޮށްފައެވެ. ގ. ހުމަށީގެ ނުވަވަނަ ފްލޯ، ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކުރީ ސިރާޖުގެ ހާޒިރުގައެވެ.

ފުލުހުން އެ އެޕާޓްމަންޓް ބަލައި ފާސްކުރުމަށްފަހު ގެންގޮސްފައިވަނީ ހާޑް ޑްރައިވަކާއި ޕެން ޑްރައިވެއް އަދި ލިޔެކިޔުންތަކެކެވެ. އެ އެޕާޓްމަންޓް ފާސްކޮށްފައިވަނީ ފުލުހުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ހެކި ހޯދުމަށް ކަމަށް ކޯޓު އަމުރުގައި ބުނެފައިވެއެވެ.

ސިރާޖު ހައްޔަރުކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައިވަނީ ރައީސް ޔާމީނާއި އެހެން ބަޔަކު ޖިނާއީ ކުށެއް ކުރިކަމަށް ބެލެވިދާނެ އަމަލުތަކެއް ކުރިކަމަށް އެފަރާތްތަކަށް ނިސްބަތްކޮށް، އަދީބާ ހަވާލާދީ ސިރާޖު ނޫސްބަޔާންތަކެއް ނެރެ، ސާބިތު ނުހިފޭ ދޮގު ހަބަރުތަކެއް ދައުލަތުގެ އާންމު އިދާރާތައް ހިމެނޭހެން އާންމުކޮށް ޝާއިއުކޮށް، ރިޕޯޓް ކުރަމުންދިއުމާއި ހަޑި ހުތުރު ބަހުން ލިޔުން ތައްޔާރުކޮށް ފަތުރަމުންދާ ކަމަށް ތުހުމަތުކުރެވޭ ކަމަށެވެ.

ދާދި ފަހުން އަދީބު ނެރުނު ރިޕޯޓްތަކުގައި ރައީސް ޔާމީންގެ ކޮރަޕްޝަނާއި ސިހުރުވެރިކަމާ ގުޅޭ ބޮޑެތި ތުހުމަތުތަކެއް ކޮށްފައިވެއެވެ.