ކުއްލި ޚަބަރު

ސަލާމަތީ ބާރުތަކުން ވެލާނާ އެއާޕޯޓްގައި ސެކިއުރިޓީ ވަރުގަދަކޮށްފި

ސަލާމަތީ ބާރުތަކުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ ސެކިއުރިޓީ ވަރުގަދަކޮށް، ހަރަކާތްތެރިވާން ފަށައިފިއެވެ.

ފުލުހުން މިރޭ ބުނީ، ވީއައިއޭގައި މިރޭ ސެކިއުރިޓީ ވަރުގަދަ ކުރެވިފައިވަނީ ސަލާމަތީ ބާރުތައް ގުޅިގެން ހެދި ސެކިއުރިޓީ އެސެސްމަންޓަކާ ގުޅިގެން އެކަހަލަ ހާލަތްތަކަށް ތައްޔާރުވެފައިވާ މިންވަރު ބެލުމަށް ކަމަށެވެ.

"މިއީ ވަކި ހާއްސަ ތްރެޓްއަކާ ގުޅިގެން ކުރިއަށް ގެންދާ ހަރަކާތެއް ނޫންކަމަށް ދަންނަވަން،" ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖުގައި ބުނެފައިވެއެވެ.

އެގޮތުން، އެއާޕޯޓަށް ވަންނަ އަދި ނުކުންނަ ވެހިކަލްތައް އިތުރަށް ޗެކް ކުރުމަށް ވެހިކަލް ޗެކްޕޮއިންޓެއް ޖަހައިގެން ފުލުހުން ހަރަކާތްތެރިވަމުންދާއިރު ސިފައިންނާއި ފުލުހުން އެއާޕޯޓް ތެރޭގައި ހަރަކާތްތެރިވަމުން އަންނަ ކަމަށް މައުލޫމާތު ލިބެއެވެ.

ފުލުހުން މިހެން ބުނެފައިމިވަނީ، ފުލުހުންނަށް ލިބުނު އިންޒާރަކާ ގުޅިގެން ވީއައިއޭ ކުއްލި ހާލަތަށް ގެނެސްފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި މެސެޖްތަކެއް ދައުރުވާން ފެށުމުން އެކަމާ މީޑިއާތަކުން ސުވާލު ކުރަން ފެށުމުންނެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހިންގާ ކުންފުނި އެމްއޭސީއެލްގެ މީޑިއާ އޮފިޝަލު ވިދާޅުވީ، އެފަދަ ކަމެއް ހިނގައިގެން އުޅޭކަން އެފަރާތަށް އެނގިފައިނުވާ ކަމަށާއި އެއާޕޯޓް އޮތީ އާންމު ހާލަތުގައި ކަމަށެވެ.