މަޖިލީހުގެ ހިޔުމަން ރައިޓްސް ކޮމެޓީ

22 ކުއްޖަކަށް އަނިޔާކޮށްގެން ހުށަހެޅި ދިހަ މައްސަލައެއް ނުބަލަން އެޗްއާރުސީއެމް އިން ނިންމި

މަރިޔަމް ޝަހުދާ

1

ބާވީސް ކުއްޖަކަށް އަނިޔާކޮށްގެން ހުށަހެޅި ދިހަ މައްސަލައެއް ނުބަލަން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދި މޯލްޑިވްސް (އެޗްއާރުސީއެމް)އިން ނިންމިކަން އެންޓި ޓޯޗާ ރިޕޯޓުން ހާމަވެއްޖެއެވެ.

އެންޓި ޓޯޗާ ރިޕޯޓަކީ އެންޓި ޓޯޗާ ގާނޫނުގެ ދަށުން ކޮންމެ އަހަރަކު ރައްޔިތުންގެ މަޖިލީހަށާއި ރައީސުލްޖުމްހޫރިއްޔާއަށް އެޗްއާރުސީއެމް އިން ހިއްސާކުރަން ޖެހޭ ރިޕޯޓެކެވެ. މިދިޔަ އަހަރުގެ ރިޕޯޓް މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި، އެ ރިޕޯޓް މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޝަނުން ވަނީ ދިރާސާ ކޮށްފައެވެ.

އެޗްއާރުސީއެމްގެ މެންބަރުންނާއެކު މިއަދު ކުރިއަށް ދިޔަ މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީގެ ބައްދަލުވުމުގައި އެ ކޮމިޓީގެ މުގައްރިރު އަދި ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހުމޫދު ވިދާޅުވީ، ކުޑަކުދިންނަށް ޖިސްމާނީ އަދި ނަފްސާނީ އަނިޔާ ލިބިފައިވާ މައްސަލަތަކެއް އެޗްއާރުސީއެމުން ނުބަލާ ހުރިކަން އެންޓި ޓޯޗާ ރިޕޯޓުން ފާހަގަވެފައިވާ ކަމަށެވެ. އެގޮތުން 22 ކުއްޖަކާ ގުޅޭ 10 މައްސަލައެއް އެޗްއާރުސީއެމުން ނުބަލާކަން އޭނާ ފާހަގަކުރެއްވިއެވެ.

ޖީހާން ވިދާޅުވީ މި މައްސަލަތަކަކީ ދައުލަތުގެ ބެލުމުގެ ދަށުން ކުޑަކުދިންގެ ހިޔާ އާއި ފިޔަވަތި އަދި ގދ. ޗިލްޑްރަންސް ސާވިސަސް ސެންޓަރުގައި ތިބި ކުދިންތަކަކަށް އެ އިދާރާތަކުގެ ބައެއް މުވައްޒަފުންގެ ފަރާތުން އަނިޔާ ކޮށްގެން ހުށަހަޅާފައިވާ މައްސަލަތަކެއް ކަމަށެވެ. އޭގެ ތެރޭގައި ގދ. ޗިލްޑްރަންސް ސާވިސަސް ސެންޓަރުގައި ކޮންޓުރެކްޓް އުސޫލުން މަސައްކަތް ކުރަމުންދިޔަ ހަތް މުވައްޒަފަކާއި ދާއިމީ މުވައްޒަފަކު ކުދިންތަކެއް ކުރިމަތީ ބަރަހަނާވާ ގޮތަށް އަމަލު ހިންގި މައްސަލައެއް ނުބަލަން ވެސް އެޗްއާރުސީއެމުން ނިންމާފައިވެއެވެ.

މި ބައްދަލުވުމުގައި ހިއުމަން ރައިޓްސް ކޮމިޓީގެ މެމްބަރުން ވަނީ ރިޕޯޓުގައި ހުރި އެކި މައްސަލަ ނުބަލަން ނިންމާފައިވަނީ ކީއްވެތޯ އެޗްއާރުސީއެމްގެ މެންބަރުންނާ ސުވާލުތައް ކުރިމަތިކޮށްފައެވެ.

އެ ސުވާލުތަކަށް ޖަވާބު ދެއްވަމުން އެޗްއާރުސީއެމްގެ މެންބަރު އައިޝަތު އަފްރީން މުހައްމަދު ވިދާޅުވީ، ގދ. އަތޮޅުގައި ހުންނަ ސަރުކާރުގެ މަރުކަޒުގައި ހިނގައިދިޔަ މައްސަލަ ނުބަލަން ނިންމީ އެ މައްސަލާގައި ހިމެނޭ ކުޑަކުދިން އެފަދަ ކަމެއް ހިނގި ކަމަށް ބުނެފައި ނުވުމާއި ފުލުހުން އެ މައްސަލަ ބެލުމަށްފަހު ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވުމުން ކަމަށެވެ. ނަމަވެސް އެ މައްސަލައާ ގުޅުންހުރި ''ސިސްޓަމިކް'' ބައިތައް އެ ކޮމިޝަނުން ބަލަމުން އަންނަ ކަމަށް އެޗްއާއުސީއެމްގެ ރައީސާ އައިމިނަތު އީނާސް ވިދާޅުވިއެވެ.

އޭގެ އިތުރުން އެންޓި ޓޯޗާ ރިޕޯޓްގައި ހުރި ގިނަ މައްސަލަތަކެއް ނުބެލިފައިހުރީ އެ މައްސަލަތަކަށް ގިނަ ދުވަސްތަކެއް ވުމުގެ ސަބަބުން ހެކި ނުލިބިގެން ކަމަށް ވެސް މިއަދުގެ ކޮމިޓީގައި އެޗްއާރުސީއެމުން ބުންޏެވެ. ނަމަވެސް ޓޯޗާ ރިޕޯޓުން ކޮމިޓީގެ މެންބަރުން ފާހަގަކުރި ބައެއް މައްސަލަތަކުގައި އެޗްއާރުސީއެމްއަކަށް ސާފު ޖަވާބެއް ދެވިފައެއް ނުވެއެވެ.

ކުޑަކުދިން އެފަދަ ކަމެއް ހިނގި ކަމަށް ބުނެފައިނުވާތީ އެ މައްސަލަ ނުބަލަން ނިންމި ނަމަވެސް ޖީހާން ވިދާޅުވީ، ނަފްސާނީ މައްސަލަތަކަކީ ދިގު މުއްދަތަކަށް އޭގެ އަސަރު ކުދިންނަށް ކުރާ ކަމަށްވާއިރު ސައިކޮލޮޖިކަލް އެސެސްމަންޓެއް ހަދައިގެން ހެކި ހޯދޭނެ ކަމަށެވެ.

މި ބައްދަލުވުމުގައި އެޗްއާރުސީއެމްގެ ރައީސް އީނާސް އިތުރަށް ވިދާޅުވީ، ކުޑަކުދިންތަކެއް ތަކުރާރުކޮށް އެއް ކަމަކަށް ތަހުގީގު މަރުހަލާގައި ހުށަހެޅޭ ކަމަށް ވާނަމަ އޭގެ ނަފްސާނީ އަސަރު ކުދިންނަށް ކުރާ ކަމަށާއި މިއީ ކުޑަކުދިންގެ މައްސަލަތައް ބަލާއިރު ދިމާވާ ގޮންޖެހުމެއް ކަމަށެވެ. އަދި ފުލުހުންނާއެކު ވާހަކަ ދައްކައިގެން، ފުލުހުން މައްސަލައިގެ ވަކި ކަމެއް އަދި އެޗްއާރުސީއެމް މައްސަލައިގެ ވަކި ކަމެއް ބަލާގޮތަށް ތަހުގީގު ކުރިއަށްދާ ކަމީވެސް ދަތިތަކެއް ކުރިމަތިވާ ކަމެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟