މިނިސްޓްރީ އޮފް ޔޫތު އެމްޕަވާމަންޓް، އިންފޮމޭޝަން އެންޑް އާޓްސް

ވިލުފުށީގައި އަޅާ ބައިނަލްއަގުވާމީ ފެންވަރުގެ ދަނޑުގެ ސަބް ބޭސް މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި

އަލީ ރިފްޝާން

ތ. ވިލުފުށީގައި އަޅަން ނިންމާފައިވާ ބައިނަލްއަގުވާމީ ފެންވަރުގެ ދަނޑުގެ ސަބް ބޭސް މަސައްކަތް، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ.

އެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރުމަށް މިއަދު ޔޫތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ. ޔޫތު މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރު އަހްމަދު މަހުލޫފެވެ. އަދި އެމްޓީސީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ ހަސަން ޝާހުއެވެ.

އެ މަސައްކަތް 60 ދުވަހުގެ ތެރޭ ނިންމާ ގޮތަށް އެމްޓީސީސީއާ ހަވާލުކުރި ނަމަވެސް، އެ ކުންފުނީގެ ސީއީއޯ ޝާހު ވިދާޅުވީ އެ މުއްދަތަށްވުރެ އަވަހަށް އެ މަސައްކަތް ނިންމާލެވޭނެ ކަމަށެވެ. އަދި އެ ދަނޑަކީ ފެންވަރު ރަނގަޅު ދަނޑަކަށް ވެގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ސަރުކާރުން ފުޓްސަލް ދަނޑުތައް އެޅުމަށް ހާއްސަ އިސްކަމެއް ދިން ނަމަވެސް، މި ސަރުކާރުން އަންނަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފުޓުބޯޅަ ދަނޑުތައް ތަރައްގީކުރުމުގެ މަސައްކަތް ކުރަމުންނެވެ. އޭގެ ތެރޭގައި އެކި ރަށްރަށުގައި ހިމެނޭ ވެލި ދަނޑުތަކުގައި ޓާފް އެޅުމުގެ މަސައްކަތް ވެސް ހިމެނެއެވެ.