އެންޓި ކޮރަޕްޝަން ކޮމިޝަން

އަދީބު ރައީސް ސޯލިހަށް 37 މިލިއަން ރުފިޔާ ދިން ކަމަށް ބުނާ މައްސަލަ އޭސީސީން ތަހުގީގުކުރަން ފަށައިފި

1

ކުރީގެ ނައިބު ރައީސް، އަހުމަދު އަދީބު އަބްދުލް ޣަފޫރު، ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް، (ރައީސް ސޯލިހު އެމްޑީޕީގެ ޕީޖީ ލީޑަރު ކަމުގައި ހުންނެވި އިރު) 37 މިލިއަން ރުފިޔާ ދިން ކަމަށް ބުނާ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަހުގީގު ކުރަން ފަށައިފި އެވެ.

އޭސީސީން މި މައްސަލަ ތަހުގީގުކުރަން ފަށާފައި މި ވަނީ އެ ކޮމިޝަނުގެ އަމިއްލަ އިސްނެގުމަކަށެވެ. މި ވާހަކައަކީ މީސްމީޑިއާގައި ދާދި ފަހުން ދެކެވުނު ވާހަކައެކެވެ.

"ވަން އޮންލައިން" އަށް މައުލޫމާތު ދެއްވަމުން އޭސީސީގެ ނައިބު ރައީސާ އައިމިނަތު މިންނާ މިއަދު ވިދާޅުވީ އެ މައްސަލަ ބެލުމާ މެދު ވެކި ގޮތެއް ނިންމުމަށް ޓަކައި ބަލަން ޖެހޭ ކަންކަން ބެލުމަށް އިއްޔެ ކޮމެޓީއަކާ ހަވާލުކުރި ކަމަށާއި އެހެން ނަމަވެސް، މައްސަލައިގައި ތުހުމަތު ކޮށްފައި ވަނީ ނަގުދު ފައިސާ ދިނުން ކަމަށް ވެފައި، އެ ކަމުގައި ވެރިފައި ކުރުމަށް ޓަކައި ކުރެވޭނެ އިތުރު މާބޮޑު ކަންތައްތަކެއް ނެތް ކަމަށް އެ ކަން ހަވާލުކުރި ދިރާސާކުރާ ކޮމެޓީން އަންގާފައިވާ ކަމަށެވެ.

"އެހެންވެ މިއަދު މި ނިންމީ އެ މައްސަލަ ތަހުގީގުކުރަން. މިހާރު އަޅުގަނޑުމެން ވާނީ ތަހުގީގު ކުރިޔަށް ގެންދަން ކޮމެޓީއަކާ ހަވާލުކޮށްފައި." މިންނާ ވިދާޅުވި އެވެ.

ރައީސް ސޯލިހުގެ އެކައުންޓަކަށް 4.2 މިލިއަން ޔޫރޯ ޖަމާކުރި ކަމަށް ބުނާ މައްސަލައެއް ވެސް މީހަކު ވަނީ އޭސީސީއަށް ހުށަހަޅައިފަ އެވެ. އެހެން ނަމަވެސް އެ މައްސަލަ ބެލުމާ މެދު އޭސީސީން އަދި ގޮތެއް ނިންމާފައެއް ނުވެ އެވެ. އެ މައްސަލަ ދިރާސާ ކުރުމަށް ކޮމެޓީއަކާ ހަވާލުކޮށްފައިވާ ކަމަށް އޭސީސީން ވިދާޅުވި އެވެ.

ރައީސް ގެ އެކައުންޓަށް 4.2 މިލިއަން ޔޫރޯ ޖަމާވި ވާހަކައަކާއި އަދީބު ފައިސާތަކެއް ދިން ވާހަކަތަކެއް ފެތުރިފައިވާ އިރު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ މިކަން ދޮގުކޮށްފަ އެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟