ޝަހީދާ އަބްދުﷲ ސައީދު
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ މައްޗަށް ކުރާ މަނީ ލޯންޑަރިންގެ ދައުވާގެ މައްސަލައިގައި، ރާއްޖޭގައި މި ވަގުތު އަދުލުވެރި ހެކިބަހެއް ދެވޭނެ މާހައުލެއް ގާއިމު ވެފައި ނެތް ކަމަށް ވިދާޅުވެ، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ކުރީގެ ރައީސް، ހަސަން ލުތުފީ، އެ މައްސަލައިގައި ހެކިބަސް ދިނުމުން ތަނާޒުލްވެވަޑައިގެންފި އެވެ.
ލުތުފީ މިހެން ވިދާޅުވި އިރު ރައީސް ޔާމީންއާ ދެކޮޅަށް ހެކިބަސް ނެގުމަށް ދައުލަތުން ހުށަހަޅާ ހެކިންގެ ތެރޭގައި ލުތުފީ ހިމެނެއެވެ.
ދައުލަތުން ހުށަހަޅައިފައިވާ ހެކިންގެ ތެރޭގައި ހަސަން ލުތުފީގެ އިތުރުން ދެން ހިމެނެނީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި ކުރީގެ ޓުއަރިޒަމް މިނިސްޓަރު މޫސާ ޒަމީރާއި އެމްއެމްޕީއާރުސީގެ ކުރީގެ އެމްޑީ، އަބްދުﷲ ޒިޔަތާއި ބީއެމްއެލްގެ ބޯޑް މެންބަރު މުހައްމަދު ލުވެއިޒާއި ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފާއި މުހައްމަދު ވަސީމް އިސްމާއީލެވެ.
ރައީސް ޔާމީނާ ދެކޮޅަށް އުފުލާފައިވާ މަނީލޯންޑާގެ މައްސަލައިގެ އަޑުއެހުމެއް މާދަމާ ތާވަލުކޮށްފައި ވަނިކޮށް، ލުތުފީ މިއަދު އޭނާގެ ފޭސްބުކް ޕޭޖުގައި ވިދާޅުވީ، ރައީސް ޔާމީންގެ އެކައުންޓަށް އެސްއޯއެފް ޕްރައިވެޓް ލިމިޓެޑުން އެއް މިލިއަން ޑޮލަރު ޖަމާކޮށްފައިވާ މައްސަލައިގައި އޭނާއާއި މިހާރު އެކޮމިޝަނުގެ ރައީސް މުއައްވިޒު ރަޝީދު، ރައީސް ޔާމީނާއި އެއްވެސް ގޮތަކަށް ބައްދަލުކޮށްފައި ނުވާނެ ކަމަށެވެ.
އަދި އެފައިސާއަކީ ދައުލަތަށް ލިބެންޖެހޭ ފައިސާ ކަމަށް ބެލެވޭތީކަމަށް ބުނެ، އެފައިސާ އަނބުރާ ދައުލަތަށް ދެއްކުމަށް ރައީސް ޔާމީނާއި ބައްދަލުކޮށްފައިވެސް އަދި ފޯނުންވެސް އަންގާފައި ނުވާނެ ކަމަށް ލުތުފީ ވިދާޅުވިއެވެ. އަދި އެގޮތަށް އަންގާފައި ނުވަނީ އޭރު އެފައިސާއަކީ ދައުލަތަށް ލިބެންޖެހޭ ފައިސާއެއްކަން ނުވަތަ ނޫންކަން ކަނޑައެޅިފައި ނުވާތީ ކަމަށެވެ.
އެގޮތަށް ކަނޑަ ނޭޅެނީސް އެފައިސާ އަނބުރާ ދައުލަތަށް ދެއްކުމަށް އެންގޭނެ އެއްވެސް ހަމައެއް އޮންނާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށްވެސް ލުތުފީ ވިދާޅުވިއެވެ.
އެމައްސަލައިގެ ތަހުގީގު މަރުހަލާއިން ފެށިގެން މިއަދާ ހަމައަށްވެސް ޔާމީންގެ މައްޗަށް ދޮގު ބަޔާންދީ، ދޮގު ހެކިބަސް ދިނުމަށް އޭނާއަށް ސަރުކާރުގެ ބާރުވެރި ފަރާތްތަކުން މަޖުބޫރުކޮށް، އެގޮތަށް އެކަން ނުކޮށްފިނަމަ، ފުރާނައަށް ނުރައްކާވެދާނެކަމުގެ އިންޒާރުދީފައިވާކަމަށް ވެސް ލުތުފީ ވިދާޅުވިއެވެ.
ލުތުފީ ވިދާޅުވީ އެގޮތަށް އިންޒާރުދީފައިވަނިކޮށް މަގުމަތިން އޭނާއަށް ހަމަލާދީފައިވާތީ، އެނބުރި ރާއްޖެ ގޮސްފިނަމަ ފުރާނައަށް ނުރައްކާވެދާނެ ކަމަށް ގަބޫލު ކުރެއްވޭ ކަމަށެވެ.
''އަދި ކިތަންމެ މަޖުބޫރެއް ކުރިޔަސް ކިތަންމެ އިންޒާރެއް ދިނަސް އެއްވެސް ފަރާތަކާ ދެކޮޅަށް ކޯޓުގައި ދޮގު ހެކިބަސް ދޭން ބޭނުން ނުވާތީ، ރައީސް ޔާމީނާ ދެކޮޅަށް ދައުލަތުން ހުށަހަޅާފައިވާ މަނީލޯންޑާގެ މައްސަލައިގައި އަދުލުވެރި ހެކިބަހެއް އަދާކުރުމުގެ ފުރުސަތު ނެތަތީއާއި އަދި އަދުލުވެރި ހެކިބަހެއް އަދާކުރެވޭ ފަދަ މާހައުލެއް މި ހިނދުން މިހިނދަށް ގާއިމް ވެފައި ނެތުމުގެ ސަބަބުން އަޅުގަނޑުގެ ފުރާނައަށް އޮތް ނުރައްކަލަށްޓަކައި އެމައްސަލައިގައި ހެކިބަސް އަދާކުރުމަށް ތަނާޒުލުވާ ވާހަކަ އެންމެހާ ފަރާތްތަކުގެ މައުލޫމާތަށް ޓަކައި ދެންނެވީމެވެ.'' ލުތުފީ ވިދާޅުވިއެވެ.
ލުތުފީގެ ހެކިބަސް ހޯދަނީ އެސްކްރޯ އެކައުންޓަށް ރައީސް ޔާމީން ފައިސާ ޖަމާކުރި ކަމަށް ވިދާޅުވުމުން އެކަން އިތުރަށް ވެރިފައި އޭރު ނުކުރާ ކަމަށް އޭސީސީގެ މިހާރުގެ ރައީސް މުވައްވިޒު ރަޝީދު ޝަރީއަތުގައި ވިދާޅުވުމުންނެވެ.
ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީލޯންޑާގެ މައްސަލައިގެ އަޑުއެހުމެއް މާދަމާ 9:30 އަށް ވަނީ ތާވަލުކޮށްފައެވެ. އަދި ޝަރީއަތުގެ އަޑުއެހުން ލައިވް ކުރުމަށްވެސް ވަނީ ހަމަޖައްސައިފަ އެވެ.
މިމަހުގެ ހަތަރު ވަނަ ދުވަހު ބޭއްވި އަޑުއެހުމުގައި، އެސްކްރޯ އެކައުންޓެއް ހެދީ އެސްކްރޯ އެކައުންޓަކަށް ފައިސާ ހަވާލު ކުރަން ބޭނުންކަމުގެ އިޝާރާތެއް ރައީސް ޔާމީންގެ ފަރާތުން އޭސީސީއަށް ދެއްވުމުން ކަމަށް މުއައްވިޒު ވިދާޅުވިއެވެ. އެ އިޝާރާތް ރައީސް ޔާމީން ދެއްވީ އޭސީސީގެ އޭރުގެ ރައީސް ހަސަން ލުތުފީއަށް ކަމަށް މުއައްވިޒު ވިދާޅުވި އެވެ.
އެކަމަކު، ޔާމީންގެ ފަރާތުން އޭނާގެ ވަކީލު އަބްދުﷲ ސިޔާޒު ވަނީ ކަން ހިނގައި ދިޔައީ އެ ތަރުތީބަށް ނޫން ކަމަށާއި، އެސްކްރޯ އެކައުންޓު ހެދީ އޭސީސީގެ އިސްނެގުމަށް ކަމަށް ލިޔެކިޔުންތަކުގެ ތަރުތީބަށް ބެލުމުން އެނގޭ ކަމަށް ޝަރީއަތުގައި ވިދާޅުވެފައެވެ.
ޔާމީންގެ ފަރާތުން ހުށަހެޅީ ދިފާއީ ތިން ހެއްކެކެވެ. އެއީ ޝަފަވީ އެއް ހެކިވެރިންނާއި ކިތާބީ ދެ ހެއްކެކެވެ. އެ ހެކިތަކަކީ ދިފާއީ ހެކި ހުށަހެޅުމުގެ ކުރިން ދައުލަތުން ކުރި ސުވާލުތަކާ ގުޅޭ ހެކިތަކެކެވެ.
ޔާމީންގެ ފަރާތުން ހުށަހެޅި ޝަފަވީ ހެއްކަކީ، އެމްއެމްއޭގެ ކުރީގެ ގަވަރުނަރު އަޒީމާ އާދަމް އެވެ. އަަޒީމާ ހެއްކެއްގެ ގޮތުގައި ހުށަހަޅާފައި ވަނީ ދައުވާގައި ބުނާ މުއާމަލާތްތައް ކުރީ އެމްއެމްއޭއިން އެއީ ސައްހަ މުއާމަލާތްތަކެއްތޯ ބެލުމަށްފަހުކަން ސާބިތު ކުރުމަށެވެ.
ކިތާބީ ހެކީގެ ގޮތުގައި ޔާމީންގެ ފަރާތުން ހުށަހެޅުއްވީ، އަލްޖަޒީރާގެ ސްޓީލިން ޕެރަޑައިސް ރިޕޯޓާ ގުޅިގެން އެމްއެމްއޭއިން ނެރުނު ނޫސް ބަޔާނެކެވެ.
އެ ނޫސް ބަޔާނަކީ އެމްއެމްއޭ މެދުވެރިކޮށް މަނީ ލޯންޑަރިންގެ އަމަލެއް ހިންގާފައި ނުވާނެ ކަމަށް ބުނާ ނޫސް ބަޔާނެކެވެ. ޔާމީންގެ ކުށްވެރިވާ ކަމަށް ތުހުމަތު ކުރާ މުއާމަލާތަކީވެސް ސްޓީލިން ޕެރަޑައިސްގައި ބުނާ ފަދަ މުއާމަލާތެއްކަން ފާހަގަކޮށް، އެ ރިޕޯޓުގައި ބުނާ އެންމެހާ މުއާމަލާތްތައް އެމްއެމްއޭއިން އެ ނޫސްބަޔާނުގައި ދޮގުކޮށްފައިވާކަން ޔާމީންގެ ފަރާތުން ޝަރީއަތުގައި ވަނީ ފާހަގަކޮށްފައެވެ.