އިބްރާހިމް ޒަކީ
އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެއް ކަމުގައިވާ، މޯލްޑިވް ގޭސް ޕްރައިވެޓް ލިބިޓެޑުން ރާއްޖޭން ބޭރުން ގޭސް ގަތުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަންތައްތައް ހިންގާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް ކޮމިޓީ (އެސްއޯއީ)އިން ބަލަން ފަށައިފިއެވެ.
މިމައްސަލަ ބެލުމަށް އެ ކޮމިޓީއަށް އެޖެންޑާ ކޮށްފައިވަނީ މިއަދު 14:00ގައި އޮންނަ އެ ކޮމިޓީގެ ބައދަލުވުމަށެވެ.
އެ ކޮމިޓީގެ މިއަދު ބައްދަލުވުމަށް، އެސްޓީއޯގެ އެހެން މައްސަލައެއް ބެލުމަށްވެސް ވަނީ އެޖެންޑާ ކޮށްފައެވެ.
އެއީ އެސްޓީއޯ ފާމަސީން، މުއްދަތު ހަމަވެފައިވާ ކޮޮންސިއުމެބްލްސް ވިއްކަމުންދާ ކަމުގެ މައްސަލައެކެވެ.
އެ ކަމާބެހޭ މައުލޫމާތުތަކެއް ލިބިފައިވާކަމަށް ވިދާޅުވެ އެ މައްސަލަ ބެލުމަށް ކޮމިޓީއަށް ހުށަހަޅުއްވާފައިވަނީ، މާފަންނު މެދު ދާއިރާގެ މެންބަރު، އިބްރާހިމް ރަޝީދެވެ.
ކޮމިޓީން ބެލުމަށް އެޖެންޑާކޮށްފައިވާ އިތުރު ކަންތައްތަކުގެ ތެރޭގައި، ތިމަރަފުށީގައި އޮތް ބޯޓެއް، އެ ބޯޓުގެ ވެރި ފަރާތުގެ ހުއްދަނެތި ކަފައި ވިއްކާލުމުގެ މަސައްކަތް ކޮށްފައިވާކަމުގެ ދިރާސާ ކުރުމަށް ވަނީ އެޖެންޑާ ކޮށްފައެވެ.
އަދި ދައުލަތާއި ދައުލަތް ހިއްސާވާ ކުންފުނި ތަކުގައި ހިންގާ ކޮރަޕްޝަންގެ އަމަލު ހުއްޓުވުމުގެ ނަމުގައި އެންޓި ކޮރަޕްޝަން ކޮމިޝަނުން އެކުލަވާލާފައިވާ ހުދު ކަރުދާހާމެދު މަޝްވަރާ ކުރުމަށްވެސް ވަނީ އެޖެންޑާ ކޮށްފައެވެ.