ސިޔާސީ

ސަރުކާރު ހިނގަނީ ފިނިހަކަ ދުވެލީގައި: އާދަމް ޝަރީފު

ފަތޯނާ ފާއިޒު

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރު ހިނގަމުން ދަނީ ފިނިހަކަ ދުވެލީގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު، އަދި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް(ޕީއެންސީ)ގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު، އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ "ފަލަ ސުރުހީ" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އާދަމް ޝަރީފު ވިދާޅުވީ، މި ސަރުކާރަކީ ކޯލިޝަން ސަރުކާރެއް ކަމަށާއި، 2008 ވަނަ އަހަރުު އެމްޑީޕީގެ ވެރިކަން ވެއްޓުމުން އުފާފާޅު ކުރި މީހުންވެސް މި ސަރުކާރުގައި އެބަތިބި ކަމަށެވެ. އެހެންކަމުން، ސަރުކާރުގައި ތިއްބެވި ބބޭފުޅުންގެ ވިސްނުން އެއްގޮތް ނުވާނެކަން ފާހަގަ ކުރައްވަމުން އާދަމް ޝަރީފު ވިދާޅުވީ ސަރުކާރަށް ހިންގުމުގައި ގޮންޖެހުންތައް ދިމާވަނީ އެފަދަ ސަބަބުތަކާ ހުރެ ކަމަަށެވެ.

"މި ސަރުކާރަކީ ކޯލިޝަން ސަރުކާރެއް. އަޅުގަނޑުމެންނަށް ވަރަށް ރަނގަޅަށް މި ފެންނަނީ، ބައެއް މިނިސްޓަރުން ކޮމެޓީތަކަށް ހާޒިރުވާން އެކި ބަހަނާތައް އެބަ ދައްކަވަމުން ގެންދަވާ. ބިލެއް ހުށަހެޅި ކަމަށް ވިޔަސް، މަޖިލިސްގައި ތިއްބަވާ އެމްޑީޕީގެ މެމްބަރުންނަށްވެސް، އެއަށް މުޅިން އެއްބަސް ނުވެވޭ ބިލުތަކެއް މި ފެންނަމުން ދަނީ." އާދަމް ޝަރީފު ވިދާޅުވިއެވެ.

ސަރުކާރުގެ ދުވެލި މަޑުވާ އިތުރު ސަބަބެއްގެ ގޮތުގައި އާދަމް ޝަރީފު ފާހަގަ ކުރެއްވީ، ސަރުކާރުން ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ވާހަކަ ދެއްކުން ނޫން ކަަމެއް ނުކުރުމެވެ. އޭނާ ވިދާޅުވީ މަޖިލީހުގެ ކޮމެޓީތަކުގައިވެސް ދެކެވެނީ ކުރީ ސަރުކާރުން ހަދާފައިވާ ގޯސްތަކުގެ ވާހަކަ ކަމަށެވެ. އޭގެ ބަދަލުގައި އެއް ލާރި، ދެލާރިއަށް ހަދާނެ ގޮތުގެ ވާހަކަ ދައްކައި، ކުރިމަގަށް މަންފާ ކުރުވަނިވި ގޮތަކަށް މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އާދަމް ޝަރީފު ވިދާޅުވީ މިހާރު ފެންނަމުން ދަނީ ސަރުކާރު އެއް ދުވަހުން އަނެއް ދުވަހަށް ބަލިކަށި ވަމުންދާ މަންޒަރު ކަމަށާއި، ރައްޔިތުން ބޭނުންވާ ކަންކަން ފުރިހަމަ ނުވާތީ ރައްޔިތުން މާޔޫސްވަމުންދާ ކަމަށެވެ. އެގޮތުން އަދުލު އިންސާފު ލިބޭނެ ކަމުގެ އުއްމީދުގައި ރައްޔިތުން މި ސަރުކާރަށް ފުރުސަތު ދިނުމުން، މަޝްހޫރު ދީނީ އިލްމުވެރިޔާ އަފްރާޝީމް އަލީގެ މަރުގެ މައްސަލަތައް ފަދަ ބޮޑެތި މައްސަލަތަކުގެ ހަގީގަތް އަދިވެސް ރައްޔިތުންނަށް ސާފުކޮށްދީފައި ނުވާކަން އާދަމް ޝަރީފު ފާހަގަކުރެއްވިއެވެ.