ރެއާލް މެޑްރިޑްގެ ޒުވާން މިޑްފީލްޑަރު ބްރަހިމް ޑިއާޒަށް އަނެއްކާވެސް އަނިޔާވެ، ކުޅުމާ ދުރަށް ދާން ޖެހިއްޖެއެވެ.
ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކަށްފަހު، އުމުރުން 20 އަހަރުގެ ސްޕެއިން މިޑްފީލްޑަރު ޑިއާޒް އެނބުރި ރެއާލްގެ ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށާފައިވަނީ މިދިޔަ ހަފުތާގެ ތެރޭގައެވެ. އޭގެ ފަހުން އޭނާގެ ބަނޑަށް އަނިޔާވެފައިވާ ކަމަށް ރެއާލުން ވަނީ ކަށަވަރުކޮށްދީފައެވެ.
ޑިއާޒްގެ ބަނޑަށް އަނިޔާއެއް ލިބިފައިވާ ކަމަށް ރެއާލުން ނެރުނު ބަޔާނެއްގައި ބުނެފައިވީ ނަމަވެސް، އޭނާ އަލުން އެނބުރި ޓީމާ ގުޅޭނެ ތާރީހެއް އެ ކުލަބުން ބުނެފައެއް ނުވެއެވެ. ރެއާލުން ބުނީ އެ އަނިޔާގެ ސަބަބުން އިތުރު ޓެސްޓުތަކެއް ހަދާނެ ކަމަށެވެ.
މިއަހަރުގެ ޖެނުއަރީ މަހު 17 މިލިއަން ޕައުންޑުގެ އަގަކަށް މެންޗެސްޓާ ސިޓީން ރެއާލްއާ ގުޅުނު ޑިއާޒް ވަނީ މިދިޔަ ސީޒަނުގައި އެ ކްލަބަށް ސްޕެނިޝް ލަލީގާގެ ހަތަރު މެޗު ކުޅެދީފައެވެ. ރެއާލަށް އޭނާ ފުރަތަމަ ލަނޑެއް ކާމިޔާބުކޮށްދީފައިވަނީ ލަލީގާގައި ރެއާލް ސޮސިއެޑާޑް އަތުން 3-1ގެ ނަތީޖާއަކުން ބަލިވި މެޗުގައެވެ.