ވޯލްޑް ކަޕެއް ނެތި، އާޖެންޓީނާ ތަރި ލިއޮނެލް މެސީއަށް "ގޯޓު"ގެ ލަގަބު ނުދެވޭނެ ކަމަށް ރެއާލް މެޑްރިޑް އަދި ސްޕެއިން ގައުމީ ޓީމުގެ ކުރީގެ ކޯޗު އެންޓޯނިއޯ ކަމާޗޯ ބުނެފިއެވެ.
ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ދުނިޔޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާއަކީ ބާސެލޯނާގެ އާޖެންޓީނާ ތަރި މެސީއެވެ. ހާއްސަކޮށް ފަސް ފަހަރު ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ދޭ ބެލޮންޑިއޯ އެވޯޑު ހޯދާފައިވުމުން އޭނާއަކީ ދުނިޔޭގެ އެންމެ ހުނަރުވެރި ކުޅުންތެރިޔާ ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.
ނަމަވެސް ކަމާޗޯ ގަބޫލުކުރާ ގޮތުގައި މެސީއަކީ ދުނިޔޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާއަށް ވުމަށް އެންމެ ޝަރަފުވެރި ފުޓްބޯޅަ މުބާރާތް ހޯދަން ޖެހޭނެއެވެ.
"އޭނާއަކީ ވަރަށް މޮޅު ކުޅުންތެރިއެއް. އެކަމަކު ދުނިޔޭގެ ތާރީހުގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާގެ ގޮތުގައި ބެލެވޭނީ ވޯލްޑް ކަޕެއް ހޯދައިގެން. ހާއްސަކޮށް އާޖެންޓީނާ ކުޅުންތެރިޔަކަށް ވުމުން ވޯލްޑް ކަޕެއް ހޯދަން ޖެހޭ،" ސްޕެއިންގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ކަމާޗޯ ބުންޏެވެ.
ކަމާޗޯ ބުނީ ފުޓްބޯޅައިގެ މާ ބޮޑު ކާމިޔާބީއެއް ނެތް ގައުމަކަށް ނިސްބަތްވާ ނަމަ، ވޯލްޑް ކަޕެއް ހޯދުމަކީ ވާނެ ކަމެއް ނޫން ކަމަށް ގަބޫލުކުރެވުނު ކަމުގައިވިޔަސް، މެސީ ނިސްބަތްވާ އާޖެންޓީނާއަކީ ވަރުގަދަ ކުޅުންތެރިން ހިމެނޭ ގައުމެއް ކަމަށެވެ. އެހެންކަމުން މެސީއަށް ވޯލްޑް ކަޕެއް ހޯދެން ޖެހޭނެ ކަމަށާއި އާޖެންޓީނާގެ ރައްޔިތުން ވެސް އެދޭނީ ވޯލްޑް ކަޕެއް ލިބުމަށް ކަމަށް ވެސް އޭނާ ބުންޏެވެ.
"މެސީއަކީ މެޗެއް އަނބުރާލެވިދާނެ ފެންވަރު ހުރި ކުޅުންތެރިއެއް. އެއް ފެންވަރެއްގެ ދެ ޓީމެއް ކުޅުނު ކަމުގައިވިޔަސް، މެސީއަކީ ދެ ޓީމުގެ ދެމެދުގައި އޮތް ހަމަހަމަކަން ނައްތާލެވޭނެ ކުޅުންތެރިއެއް،" އޭނާ ބުންޏެވެ.
އާޖެންޓީނާ ލެޖެންޑް ޑިއޭގޯ މެރަޑޯނާއާ ގުޅޭގޮތުން ވެސް ކަމާޗޯ ވަނީ ވާހަކަދައްކައިފައެވެ. މެރަޑޯނާއާ ގުޅޭގޮތުން ކަމާޗޯ ބުނީ މެސީ އަދި ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއާ އެއްގޮތަށް ކެރިޔަރު ސީރިއަސްކޮށް ނެގި ނަމަ، މެރަޑޯނާ އަދިވެސް ފެންނާނީ ކުޅުންތެރިއެއް ގޮތުގައި ކޮންމެ މެޗެއް ކާމިޔާބުކުރާ މަންޒަރު ކަމަށެވެ.