ސިޔާސީ

ސަރުކާރު ޒިންމާދާރު ކުރުވުމުގައި އިދިކޮޅު މެމްބަރުންނަށް ހުރަހެއް ނެތް: އާދަމް ޝަރީފު

ފަތޯނާ ފާއިޒު

ރައްޔިތުން މަޖިލީހުގެ އިދިކޮޅު ސިޔާސީ ޕާޓީތަކުގެ މެންބަރުންނަށް ސަރުކާރު ޒިންމާދާރު ކުރުވުމުގައި ގޮންޖެހުންތަކެއް ކުރިމަތިނުވާ ކަމަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީީވީގެ "ފަލަ ސުރުހީ" ޕްރޮގްރާމުގައި މިރޭ ވާހަކަދައްކަވަމުން އާދަމް ޝަރީފު ވިދާޅުވީ، 19 ވަނަ ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ވާދަކުރި އިދިކޮޅު ސިޔާސީ ޕާޓީތަކުގެ މެންބަރުންނަށް ސަރުކާރުގެ ފަރާތުން އުދަނގޫތަކެއް ކުރިމަތިވި ކަމަށެވެ.

އެގޮތުން އިންތިހާބު ދުވަސްވަރު އިދިކޮޅު މައި ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ހައްޔަރުގައި ހުރުމާއި ޕާޓީއަށް ލިބެންޖެހޭ ފައިސާތައް ހިފަހައްޓާފައި ހުރިކަން އޭނާ ފާހަގަކުރެއްވިއެވެ.

ނަމަވެސް ރައްޔިތުންގެ މަޖިލީހުގައި ސަރުކާރާ އިދިކޮޅު ޕާޓީތަކުގެ މެންބަރުންގެ މަސައްކަތަށް މާބޮޑު ހުރަސްތަކެއް ކުރިމަތިނުވާ ކަމަށް އާދަމް ޝަރީފު ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އިދިކޮޅު ކޯލިޝަނަށް ބޮޑު އަގުލަބިއްޔަތެއް ނުލިބުނީ ސަރުކާރު ހިންގާ މައި ޕާޓީ އަދި މަޖިލީހުގެ މެޖޯރިޓީ ހޯދި އެމްޑީޕީ އިން ވޯޓު ގަތުމަށް ފައިސާ ބެހުމުން ކަމަށެވެ.

ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި 87 ދާއިރާ އަށް މެމްބަރުން އިންތިހާބުކޮށްފައިވާއިރު، އެމްޑީޕީން ވަނީ 65 ދާއިރާއެއްގެ ގޮނޑި ކާމިޔާބުކޮށް މަޖިލީހުގެ ބޮޑު މެޖޯރިޓީއެއް ހޯދައިފައެވެ. އަދި މިއީ މަޖިލިސް އިންތިހާބެއްގައި މިހާތަނަށް އެއް ޕާޓީއަކަށް މިހާ ގިނަ އަދަދަކަށް ގޮނޑި ކާމިޔާބު ކުރެވުނު ފުރަތަމަ ފަހަރެވެ.