ހޮލީވުޑް

ބްރެޑް ޕިޓާ އާއި ޖެނިފާ އަލުން ގުޅެނީތަ؟

ފަތޯނާ ފާއިޒު

ހޮލީވުޑްގައި ކުރިން އެންމެ މަގުބޫލު އެއް ޖޯޑަކީ ޖެނިފާ އެންސްޓަން ބްރެޑް ޕިޓްގެ ޖޯޑެވެ.

އެދެމީހުންގެ ކައިވެނި ރޫޅުމާއެކު، އެމީހުންގެ ގިނަ ފޭނުން އެކަމާ ހިތާމަކުރިއެވެ. އެހެންނަމަވެސް މިއަދު މިވަނީ އެދެމީހުން އަނެއްކާވެސް "ސިންގަލް"ވެފައެވެ. އެއާއެކު އެދެމީހުން އަލުން ގުޅޭނެ ކަމަށް އުއްމީދު ކުރާ މީހުން ގިނަވެއްޖެއެވެ.

އުމުރުން 55 އަހަރުގެ ބްރެޑް ޕިޓާ އަދި 50 އަހަރުގެ ޖެނިފާ އެންސްޓަންއަކީ ރީތިކަމާއި، ހުނަރުގެ ގޮތުން ބެލިޔަސް، ގިނަ ބަޔަކަށް ވަރަށް ކަމުދާ ދެތަރިންނެވެ. ދެ އަހަރުވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްފަހު އެދެމީހުން ކައިވެނި ކޮށްފައިވަނީ 2000 ވަނަ އަހަރުއެވެ.

އެހެންނަމަވެސް 2005 ވަނަ އަހަރު އެ ކައިވެނި ރޫޅުނެވެ. ބްރެޑާއި ޖެނިފާގެ ކައިވެނި ރޫޅުނީ ހޮލީވުޑްގެ ބަތަލާ އެންޖެލީނާ ޖޯލީއާ، ބްރެޑްގެ ގުޅުމުގެ ސަބަބުން ކަމަށް އޭރު އަޑު ފެތުރިގެން ދިޔައެވެ.

ހޮލީވުޑްގެ ހަބަރުތައް ބުނާގޮތުގައި އެންޖެލީނާއާއި ބްރެޑް ޕިޓް އެކުގައި އުޅުނު ދުވަސްވަރު (2005-2016)ވެސް ބްރެޑްއާ ޖެނިފާގެ ގުޅުން އޮތެވެ.

ބްރެޑް ޕިޓް އަދި އެންޖެލީނާ ޖޯލީގެ ކައިވެނި ރޫޅުނީ، ކައިވެނި ކުރިތާ ދެއަހަރު ފަހުން 2016 ވަނަ އަހަރުއެވެ. އެއަށްފަހު ޖެހިގެން އައި އަހަރު ޖެނިފާއާއި ޖަސްޓިން ތެރޫގެ ކައިވެނިވެސް ވަނީ ރޫޅިފައެވެ. އެއާއެކު ޖެނިފާ އާއި ބްރެޑް އަލުން ގުޅޭނެ ކަމަށް ގިނަ ބަޔަކު އުއްމީދު ކުރަން ފެށިއެވެ.

އެހެންނަމަވެސް އެ އުއްމީދު ހަގީގަތަކަށް ވާނެ ކަމާމެދު އަދިވެސް އޮތީ ސުވާލު އުފެދިފައެވެ.

އޯކޭ މެގަޒިންގައި ޝާއިއު ކުރި ހަބަރެއްގައި ބުނެފައި ވަނީ ޖެނިފާގެ ގޭގައި އޭނާއާ ބްރެޑް ބައްދަލުވުންތައް ބާއްވާ ކަމަށެވެ. އަދި އެކަން ފެށުނީ މިދިޔަ ފެބްރުއަރީ މަހު ޖެނިފާގެ 50 ވަނަ އުފަން ދުވަސް ފާހަގަ ކުރަން ބޭއްވި ހަފުލާއަށް ބްރެޑް ދިޔަ ހިސާބުން ކަމަށްވެސް އޯކޭއިން ރިޕޯޓް ކޮށްފައިވެއެވެ.

އެހެންނަމަވެސް ޖެނިފާއާއި ބްރެޑްޕިޓްގެ ގާތް މީހުން އެވާހަކަތައް ދޮގު ކުރެއެވެ. އެގޮތުން، ޖެނިފާއާ ބްރެޑް ދޭތެރެ ދޭތެރެއިން ވާހަކަ ދެއްކި ނަމަވެސް، އެދެމީހުންގެ މެދުގައި އެއްވެސް ހާއްސަ ގުޅުމެއް ނެތް ކަމަށް، އެދެމީހުންގެ ގާތް މީހުން ބުނެއެވެ.