އެންޓި ކޮރަޕްޝަން ކޮމިޝަން

ރައީސްގެ އެކައުންޓަކަށް 4.2 މިލިއަން ޔޫރޯ ޖަމާވި ކަމަށް ބުނާ މައްސަލަ ތަހުގީގު ކުރާކަށް ނުނިންމަން: އޭސީސީ

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ބޭންކް އެކައުންޓަށް 4.2 މިލިއަން ޔޫރޯ (72 މިލިއަން ދިވެހި ރުފިޔާ) ޖަމާކުރި ކަމަށް ބުނެ ހުށަހެޅި މައްސަލަ ތަހުގީގު ކުރަން އަދި ނިންމާފައިނުވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފިއެވެ.

އޭސީސީގެ ނައިބް ރައީސާ އައިމިނަތު މިންނާ "ވަން" އަށް މިއަދު ވިދާޅުވީ، އެ މައްސަލަ ދިރާސާ ކުރުމަށް މިއަދު ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ. ނަމަވެސް މައްސަލަ ތަހުގީގު ކުރުމާ ގުޅޭގޮތުން ވަކި ގޮތެއް އަދި ނިންމާފައިނުވާ ކަމަށެވެ.

ނަމަވެސް އެ މައްސަލަ އޭސީސީއަށް ހުށަހެޅި ފަރާތުން ވަނީ އެ މައްސަލަ އޭސީސީ އިން ތަހުގީގު ކުރުމަށް ނިންމާފައިވާ ކަމަށް ބުނެ އެ ކޮމިޝަނުން އޭނާއަށް މިއަދު މެސެޖެއް ކޮށްފައިވާކަން "ވަން" އަށް ކަށަވަރު ކޮށްދެއްވައިފައެވެ. އެ މެސެޖާ ގުޅޭގޮތުން އޭސީސީގެ ނައިބް ރައީސާ މިންނާ ވިދާޅުވީ، އެ މެސެޖުގެ ހަގީގަތް އެ ކޮމިޝަނުން ބަލާނެ ކަމަށެވެ.

މެލޭޝިއާގެ ބޭންކެއްގައި އޮތް ރައީސް ސޯލިހުގެ އެކައުންޓަކަށް 4.2 މިލިއަން ޔޫރޯ ޖަމާކުރި ކަމަށް ބުނެ އަމިއްލަ ފަރާތަކުން އޭސީސީއަށް މައްސަލައެއް ހުށަހެޅީ މިމަހުގެ ހަ ވަނަ ދުވަހުއެވެ. އަދި ހަމަ އެ ދުވަހު އެ މައްސަލަ އޭސީސީގައި ވަނީ ރަޖިސްޓްރީ ކޮށްފައެވެ.

މައްސަލަ ހުށަހެޅި ފަރާތުން މީގެ ކުރިން ބުނެފައިވަނީ، ރައީސް ސޯލިހުގެ ނަމުގައި މެލޭޝިއާ ބޭންކެއްގައި ހުޅުވާފައިވާ އެކައުންޓަކަށް ފައިސާ ޖަމާކުރިކަން އެނގޭ ލިޔުންތަކެއް އޭނާއަށް ވަނީ ލިބިފައެވެ. އަދި އެ މައްސަލަ އޭސީސީއަށް ހުށަހެޅީ އެ ލިޔުންތަކުގެ ސައްހަކަން ކަށަވަރު ކުރަން ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.

ރައީސްގެ ބޭންކު އެކައުންޓަކަށް ގިނަ އަދަދެއްގެ ފައިސާ ޖަމާކުރި މައްސަލައެއް އޭސީސީ އިން ބަލަމުންދިޔަ ނަމަވެސް، އެ މައްސަލަ ރައީސް އޮފީހުން ވަނީ ދޮގު ކޮށްފައެވެ.

އެ މައްސަލައާ ގުޅިގެން ރައީސް އޮފީހުގެ ކޮމިއުނިކޭޝަންސް ސެކްރެޓަރީ ހަސަން އިސްމާއިލް މީގެ ކުރިން ވިދާޅުވެފައިވަނީ، މެލޭޝިއާގެ އެއްވެސް ބޭންކެއްގައި ރައީސްގެ އެކައުންޓެއް ނޯންނާނެ ކަމަށެވެ. އަދި ރައީސް އަށް ކޮރަޕްޝަންގެ ތުހުމަތުކޮށް، ދައްކަމުން އަންނަ ވާހަކަތަކުގެ އެއްވެސް ހަގީގަތެއް ނެތް ކަމަށް ވިދާޅުވިއެވެ.