މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)އިން ގެއްލިފައިވާ ފައިސާގެ ތެރެއިން، 14.67 މިލިޔަން ޑޮލަރު ހޯދުމަށް ތިން ކުންފުންޏެއްގެ މައްޗަށް ދައުވާކުރަން ފޮނުވައިފިއެވެ.
މި މައްސަލައިގައި ތިން ކުންފުންޏެއްގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވާކަމަށް ވިދާޅުވީ، އެމްއެމްޕީއާރުސީގެ އޮޑިޓް ރިޕޯޓާ ބެހޭގޮތުން، އެ ކޯޕަރޭޝަންގެ އިސްވެރިން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހާޒިރުކޮށް މިއަދު ކުރިއަށްގެންދިޔަ ބައްދަލުވުމުގަ އެވެ.
ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި އެ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދު ވިދާޅުވީ އެމްއެމްޕީއާރުސީއަށް ލިބެންޖެހޭ ފައިސާތަކުގެ ތެރެއިން ޖުމުލަ 14.67 މިލިއަން ޑޮލަރު ތިން ކުންފުންޏަކުން ހޯދުމަށް ދައުވާ ކުރަން ފޮނުވާފައިވާ ކަމަށެވެ.
އެ ފައިސާތައް ހޯދުމަށް ދައުވާ ކުރާ ކުންފުނިތަކަކީ، އެސްއޯއެފް ޕްރައިވެޓް ލިމިޓެޑުން 10.7 މިލިއަން ޑޮލަރު ހޯދުމަށާއި، މިލީނިއަމް ކެޕިޓަލް ޕްރައިވެޓް ލިމިޓެޑުން 2.5 މިލިއަން ޑޮލަރުގެ އިތުރުން، މޮންޓަލިއަން އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑުން 1.47 މިލިއަން ޑޮލަރު ހޯދުމަށެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަތަކުން މިހާތަނަށް ދައްކާ ގޮތުގައި، އެ ކުންފުނި މެދުވެރިކޮށް ދޫކުރި، 57 ރަށާއި ފަޅު ދޫކޮށްގެން 77.5 މިލިއަން އެމެރިކާ ޑޮލަރު ލިބެންޖެހެއެވެ.
ނަމަވެސް މިހާތަނަށް ލިބިފައިވަނީ 12.5 މިލިއަން ޑޮލަރެވެ.
އެމްއެމްޕީއާރުސީގެ އޮޑިޓް ރިޕޯޓުން ބޮޑެތި އަދަދު ތަކެއްގެ ހިޔާނާތުގެ މައްސަލަތައް ފާހަގަ ވެފައިވާތީ އެ މައްސަލަތައް މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ އިތުރުން، އޭސީސީ އާއި ފުލުހުންވެސް ގެންދަނީ ބަލަމުންނެވެ.