ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) ގެ ރައީސް ކަމުން މުހައްމަދު ނިޒާރު އިސްތިއުފާ ދެއްވައިފި އެވެ.
ނިޒާރު އިސްތިއުފާ ދެއްވީ މިއަދު އެވެ. އޭނާ ވަނީ ދާދި ދެންމެ "ވަން އޮންލައިން" އަށް އެކަން ކަށަވަރުކޮށްދެއްވައިފަ އެވެ.
ނިޒާރު ވިދާޅުވީ، ޕީސީބީ އަކީ ވަކި ގާނޫނެއް އޮތް މުއައްސަސާއެއް ނަމަވެސް، އެ ގާނޫނުން ލިބިދީފައިވާ މިނިވަންކަން މަސައްކަތުގެ މާހައުލުގައި މިހާރު ނެތް ކަމަށެވެ. އެހެން ނަމަވެސް ފާއިތުވި މުއްދަތުގެ ތެރޭގައި ޕީސީބީއަށް ގެންނެވުނު ކުރިއެރުންތަކަށް ޓަކައި އުފާކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އިސްތިއުފާ ދެއްވުމަށް ފަހު ނިޒާރު ވަނީ މީގެ އިރުކޮޅެއް ކުރީން ޓުވީޓެއް ވެސް ކުރައްވައިފަ އެވެ.
ނޫ ކުލައިގެ ޓައީއަކާ އެކު ކުރެއްވި އެ ޓުވީޓުގައި ނިޒާރު ވިދާޅުވީ ޕީސިބީގައި ފަސް އަހަރާއި 26 ދުވަހު މަސައްކަތްކުރެއްވުމަށް ފަހު މިއަދު ޓައީ ނަންގަވާފައިވާ ކަމަށެވެ.
"ޕީސީބީގައި މަސައްކަތް މި ކުރި މުއްދަތާ އެކު ގައުމަށް 34 އަހަރު ހިދުމަތް ކުރެވިއްޖެ. ހުރިހާ ސަރުކާރަކަށް ޝުކުރު އަދާކުރަން. ހާއްސަ ޝުކުރެއް ޕީސީބީގެ ބޯޑު މެންބަރުންނަށާއި އެސްޖީ ސިރާޖަށް އަދި އޭނާގެ ޓީމަށް އަދާކުރަން." ނިޒާރު ވިދާޅުވި އެވެ.
ނިޒާރު ޕީސީބީގެ ރައީސް ކަމުން މިއަދު އިސްތިއުފާދިން އިރު، ޕީސީބީގެ ބޯޑު އަލުން އެކުލަވައިލެއްވުމަށް ރައީސުލްޖުމްހޫރިއްޔާއަށް ރައްޔިތުންގެ މަޖިލީހުން ވަނީ ލަފާ އަރުވައިފަ އެވެ.