ޒިކުރާ މިސްކިތް ހުރި ބިމުގައި "ދާރުލް ޒިކްރާ"ގެ ނަމުގައި 10 ބުރިއަށް އިމާރާތެއް ހެދުމަށް 130 މިލިޔަން ރުފިޔާއަށް އެސްޖޭ ކޮންސްޓްރަކްޝަނާ ހަވާލުކުރުމުގައި ކޮރަޕްޝަން ހިމެނޭތީ އެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ސަމާލުކަމަށް ގެނެސްފިއެވެ.
ކުރީގެ ރައީސް ޔާމީންގެ ސަރުކާރުން 2018 ޖުލައި ނުވައެއްގައި ހަވާލުކުރި މި ޕްރޮޖެކްޓުގެ ކޮރަޕްޝަން މައްސަލަ މަޖިލީހުގެ ސަމާލުކަމަށް ގެނަސްފައިވަނީ އިސްލާމިކް މިނިސްޓްރީގެ ކުރީގެ ޕާމަނަންޓް ސެކްރެޓަރީ މުސްއަބު އަބްދުﷲ އެވެ.
"ދާރުލް ޒިކްރާ"ގެ 10 ބުރީގެ އިމާރާތް އެސްޖޭ ކޮންސްޓްރަކްޝަނާ ހަވާލު ކުރުމުގައި ހިނގާފައިވާ ކަންތައްތައް ފާހަގަކޮށް، މަޖިލީހަށް ހުށަހަޅާފައިވާ ރިޕޯޓުގައި، ވާގޮތުން އެ ބިން އެސްޖޭ ކޮންސްޓްރަކްޝަނާ ހަވާލުކުރީވެސް އެ އިމާރާތުގެ ކުރެހުން ސަރުކާރުގެ ކަމާބެހޭ ފަރާތުން ފާސް ކުރުމުގެވެސް ކުރީންނެވެ. އަދި ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ހަވާލުކުރި މި ޕްރޮޖެކްޓްގެ އިކުއިޓީގެ ގޮތުގައި 30 މިލިއަން ރުފިޔާ ދޭން ނިންމައި އެ ފައިސާވެސް ދީފައިވާ ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައި ވެއެވެ.
"ދާރުލް ޒިކްރާ"ގެ 10 ބުރީގެ އިމާރާތުގެ ޕްރޮޖެކްޓް މިސަރުކާރުން ވަނީ ބާތިލުކޮށްފައެވެ.
ސަރުކާރުން އެ ޕްރޮޖެކްޓް ބާތިލު ކުރީ، އެ މަޝްރޫއު އެސްޖޭ ކުންފުންޏާ ހަވާލުކުރުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ކަންތައްތަކެއް ހުރެގެން ބަންޑާރަ ނައިބުގެ ލަފައާ އެކުގައެވެ.
މި މައްސަލަ މަޖިލީހުގެ ސަމާލުކަމަށް ގެންނެވި، ސަސްޕެންޑް ކޮށްފައިހުރި އިސްލާމިކް މިނިސްޓްރީގެ ކުރީގެ ޕާމަނަންޓް ސެކްރެޓަރީ މުސްއަބު އަބްދުﷲ ސަސްޕެންޑް ކުރުންވެސް މި މައްސަލައާ ގުޅުންހުރިކަމަށް ވަނީ ވާހަކަ ދެކެވިފައެވެ.
ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)އިން މުސްއަބު ސަސްޕެންޑް ކޮށްފައިވަނީ، މިއަހަރުގެ މެއި މަހުގައެވެ.
ސިއެސްސީން ބުނެފައިވަނީ، މުސްއަބު ސަސްޕެންޑްކުރީ، އޭނާއާ ބެހޭ ގޮތުން ހުށަހެޅިފައިވާ މައްސަލައެއް ބަލަމުން އަންނާތީ، އެ މައްސަލައަކީ އޭނަ ސަސްޕެންޑް ކުރަންޖެހޭ މައްސަލައަަކްށްވާތީ ކަމަށެވެ.
ނަމަވެސް އެއީ ކޮން މައްސަލައެއްކަމެއް ސީއެސްސީން ހާމަކޮށްފައެއްނުވެއެވެ.
މުސްއަބު ވަނީ އޭނާ ސަސްޕެންޑްކުރި މައްސަލަވެސް ބަލައި ދިނުމަށް އެދި އެ މައްސަލަ މަޖިލީހުގެ ސަމާލުކަމަށް ގެނެސްފައެވެ.